އެމްއެމްޕީއާރުސީ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލްޖަޒީރާ އިން ދެއްކި 'ސްޓީލިން ޕެރަޑައިސް' ގައި ގިނަ ތުހުމަތެއް ކުރި އަދި ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ސިންޕޫރު ބިލިއަނަރު އޮންގް ބެންގް ސެންގް ހައްޔަރު ކޮށްފިއެވެ.
ހޮޓެލް ޕްރޮޕްޓީސް ލިމިޓެޑް (އެޗްޕީއެލް) ގެ މެނޭޖިންގް ޑައިރަކެޓަރު އޮންގް (77އ) ހައްޔައްރު ކުރީ އެގައުމުގެ ކޮރަޕްޓް ޕްރެކްޓިސަސް އިންވެސްޓިގޭޝަން ބިއުރޯ (ސީޕީއައިބީ) އިން ހިންގި ތަހުގީގެއްގެ ތެރެއިން ކޮރަޕްޝަނަށް ތުހުމަތު ކޮށެވެ.
ސީޕީއައިބީން އޭނާ އަށް ތުހުމަތު ކުރަނީ އެގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޓްރޭޑް ރިލޭޝަންސް މިނިސްޓަރުކަންވެސް ކުރައްވާ އެސް އީޝްވަރަން އާ އެކު އޮންނަ ގުޅުމެއްގެ ތެރެއިން ހިނގާފައިވާ މުއާމަލާތްތަކެއްގައި ކޮރަޕްޝަން ހިމެނޭ ކަމަށެވެ. އެމުއާމަލާތަކީ މަސްހޫރު ކާރު ރޭސް ފޯމިއުލާ 1 ސިންޕޫރުގައި ބޭއްވުމަށް ހަމަޖައްސާފައިވާ އިންތިޒާމްތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް ރޭގަނޑު ރޭސް ބާއްވަން ހަމަޖެއްސުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިންގާފައި ވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ މުއާމަލާތެކެވެ.
ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓޫރިޒަމް މިސްޓަރަކަށް ހުންނެވި ދުވަސްވަރު އެމްއެމްޕީއާރު ތެރެއިން ގިނަ އަދަދއްގެ ރަށްތަކާއި ފަޅުރައްތަށް ނެގި ކަމުގެ ތުހުމަތު އޮންގް ގެ މައްޗަށް އަލްޖަޒީރާއިން ތުހުމަތު ކުރިއެވެ. އެ ދުވަސްވަރާއި އަދި އޭގެ ފަހުން ވެސް އޮންގް އަކީ ރާއްޖޭގައި ގިނަ އަދަދއްގެ ރިސޯޓް އޮޕަރޭޓް ކުރާ ފަރާތެއްވެސް މެއެވެ. އެގޮތުން ފޯސީޒަން ކުޑަހުރާ އާއި ލަނޑާގިރާވަރު، ގިލި ލަންކަން ފުށި، ކޮކޯ އައިލެންޑް، ސިކްސް ސެންސަސް ބައި ލާމު، ކޮމޯ މާލެފުށި، ހޮލިޑޭ އިން ކަނޑޫމާގެ އިތުރުން ބަނޑޮސް އައިލެންޑް ރިސޯޓާއި ހިމެނެއެވެ.
އޮންގްގެ ކުންފުނި އެޗްޕީއެލް އަކީ ރާއްޖެ ހިމެނޭހެން 15 ގައުމެއްގައި 3 ރިސޯޓް / ހޮޓާ ހިންގާ ލިސްޓެޑް ކުންފުންޏެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގައި ބޮޑު ދަރުރެއް އަދާކޮށްފައި ވާ ކަމަށް އަލްޖަޒީރާގެ ތަހުގީގުން ފެންމަތި ކުރި އޮންގް ގެ ކޮރަޕްޝަންގެ ތުހުމަތަށް އޭނާ ހައްޔަރު ކުރި ނަމަވެސް މިހާރު ވަނީ 100،000 ސިންގަޕޫރު ޑޮލަރު ދައްކައިގެން ކަފާލާތުގެ ދަށުން މިނިވަން ވެފައެވެ.
ސީޕީއައިބީން އޮންގްގެ މައްޗަށް އަދި ދައުވާއެއް އުފުލާފައި ނުވާ އިރު އޭނާ ތަހުގީގަށް އެއްބާރުލުން ދެމުން ގެންދާ ކަމަށް އެޗްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. އަދި ތަހުގީގު ކުރިއަށް ދާތީ ޓްރާންސްޕޯޓް މިނިސްޓަރު އީޝްވަރަން އިސްތިއުފާ ދެއްވުމަށް އެގައުމުގެ ބޮޑުވަޒީރު ލީ ސެންގް ޔޫން ވަނީ އޭނާ އަށް އަންގަވާފައެވެ. އަދި އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރައްވާނީ އެގައުމުގެ ސީނިއާ މިނިސްޓާ އޮފް ސްޓޭޓް ޗީ ހޮންގް ޓެޓް ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
މި ތަހުގީގު ނިންމާ ދައުވާ ކުރެވެންދެން ޓްރާންސްޕޯޓް މިނިސްޓަރަށް ގައުމުން ބޭރަށް ވަޑައިގަތުމާއި ސަރުކާރުގެ އެއްވެސް އޮފީހަކަށް ވަނުން ވަނީ މަނާ ކޮށްފައެވެ.