މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ރީ ބްރޭންޑްކޮށް، ކުންފުނީގެ އާ ލޯގޯ އަދި ބްރޭޑިން ރޭ ރަސްމީކޮށް ލޯންޗު ކޮށްފިއެވެ.

އެމްޕީއެލްގެ 36 އަހަރުގެ ތާރީހުގައި އެ ކުންފުނި ރީ ބްރޭންޑް ކުރި މީ ފުރަތަމަ ފަހަރެވެ.

އެންމެ ފުރަތަމަ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ)ގެ ނަމުގައި ހިންގުމަށްފަހު، 2008 ވަނަ އަހަރު އެމްޕީއޭ ކޯޕޮޓަރައިޒްކޮށް، ސަރުކާރުން 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށް ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް މިހާތަނަށް އެމްޕީއެލްއިން ވެސް ބޭނުން ކުރަމުން ދިޔައީ މީގެ 27 ވަރަކަށް ކުރިން އެމްޕީއޭ އިން ބޭނުން ކުރި ލޯގޯ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރީބްރޭންޑިންނާއެކު ގެނައި އެންމެ މުހިންމު އެއް ބަދަލަކީ ޕޯޓު އޮޕަރޭޝަންސްގެ އެކި ދާއިރާތަކާ ގުޅޭގޮތަށް ޔުނީފޯމް ތައްޔާރު ކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ޒަމާނީ ޕޯޓުތަކުގައި މިހާރު ބޭނުން ކުރަމުންދާ ގޮތަށް، ޕޯޓު އޮޕަރޭޝަންސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިހާރު ވަކިން ވެސްޓް ލާކަށް ނުޖެހޭނެ ކަމަށާއި މިހާރު ތައްޔާރުކޮށްފައިވާ ޔުނީފޯމްގައި "ހައި ވިޒިބިލިޓީ" ފަށްތަށް ހިމެނިފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޕީއެލްގެ އާ ލޯގޯ އާއި ކުލަ ރަސްމީކޮށް އިފްތިތާހު ކޮށްފައި ވަނީ ރޭ ހެންވޭރު ދަނޑުގައި ބޭއްވި ކުންފުނީގެ އަހަރީ "ސްޓާފް ނައިޓް"ގައެވެ.

"ޕޯޓުގެ ހިދުމަތްތައް ކުރިއެރުން ލިބިއްޖެ. ވަރަށް ގިނަ ހިދުމަތްތައް ޑިޖިޓަލައިޒް ކުރެވިއްޖެ. އެކަމަކު މިހާތަނަށް ކުންފުނީގެ ބްރޭންޑް އިމޭޖް އަދި ބްރޭންޑިން އެއް ހެދުމަށް އެއްވެސް މަސައްކަތެއް އޮތީ ނުކުރެވި. ޒަމާނީ ކޯޕަރޭޓް މާހައުލެއްގައި ޕޯޓުގެ ހިދުމަތް ފުޅާކުރުމުގެ ޕްލޭންތަކާއެކު މަސައްކަތް ކުރާއިރު، ކުންފުނީގެ ބްރޭންޑް އިމޭޖް ވެސް ޒަމާނީ ވާންޖެހޭ"
ޝާހިދު އަލީ

އެ ހަފުލާގައި ވާހަކަދައްކަވަމުން ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މީގެ 27 އަހަރުވީ ލޯގޯ ބަދަލުކޮށް ކުންފުނިން ރީބްރޭންޑް ކުރީ ޕޯޓުގެ ހިދުމަތް ޒަމާނީ ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި ފާއިތުވި 4 އަހަރުގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކޯޕަރޭޓް ގަވާނަންސް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެ ކަމަށެވެ.