ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، މިރޭ "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރައްވައިފިއެވެ.
އެމަނިކުފާނު ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައި ވަނީ މިރޭ އާޓިފިޝަލް ބީޗުގައި އެ ޕާޓީން މިހާރު ކުރިއަށްދާ ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެ ޕާޓީއަށް އާންމު މެންބަރުން ވެސް ވަނީ ސޮއިކޮށްފައެވެ.
ޑިމޮކްރެޓްސްއާ ރައީސް ނަޝީދު ގުޅިވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވަނީ ޑިމޮކްރެޓްސްގެ އުފެއްދުމަށް ބޭއްވި ޖަލްސާގައި އާއި ޑިމޮކްރެޓްސްގެ ރަސްމީ ހަރުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ މުޅި ދިވެހިރާއްޖެ ހައްލު ކުރުމުގެ މަގަށް ގެންނާނެ ސިޔާސަތުތަކާ އެކު ޑިމޮކްރެޓްސް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ދިވެހިން އަބަދުވެސް ކަންބޮޑުވެ ތިބެނީ އެމީހުންގެ އާންމު ހާލަތު ރަނގަޅު ކުރާނެ ގޮތްތަކެއް ހޯދަން ކަމަށާއި، މިއަށް ވުރެ ރަނގަޅު އެއްޗެއް މާދަމާ ލިބޭނޭ ސިޔާސަތުތަކެއް ތަންފީޒްކޮށް ދޭނެ ސަރުކާރެއް އެމީހުން ހޯދަން ބޭނުންވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އޭގެ ފަހުން އެޕާޓިގެ މެންބަރުންނާއެކު ގާނޫނު އަސާސީއަށް ގެންނަން ފެންނަ ނިޒާމީ ބަދަލުތަކާ ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ އިރު، އެ ބައްދަލުވުމުގައި ވެސް ރައީސް ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިދިޔަ ޖޫން މަހުގެ 21 ގައި އެމްޑީޕީން ވަކިވެވަޑައިގެންފައިވާ ކަން ހާމަކުރައްވައި ނަޝީދު ވިދާޅުވީ، އެމަނިކުފާނު އެ ޕާޓީން ވަކިވެވަޑައިގަތީ މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލައި، އެ ޕާޓީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެމަނިކުފާނު ދެކެވަޑައިނުގަންނަވާތީ ކަމަށެވެ.
17 އަހަރު އެމްޑީޕީގައި ހުންނެވުމަށް ފަހު ވަކިވެވަޑައިގަތް ނަޝީދު އެންމެ ފަހުން ހުންނެވީ އެ ޕާޓީގެ ރައީސްގެ ގޮތުގައެވެ. މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަން ކަން ވެސް ކުރެއްވި ނަޝީދަކީ ގާނޫނުއަސާސީ އިސްލާހުކުރެވުނު ފަހުން ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ރައީސެވެ.