ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ވާވެއްދިފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހުއްޓުވައިފި އޮތް އޮތުން ބާތިލްކޮށްފިއެވެ.
އޭސީސީގެ މީޑިއާ އޮފިޝަލަކު "ދަ ޕްރެސް"އަށް މައުލޫމާތު ދެމުން ވިދާޅުވީ ވާވެއްދިފަޅު ވިއްކުން މަޑުޖައްސާލުމަށް ޓުއަރިޒަމް މިނިސްޓްރީއަށް އެންގި އެންގުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
މި ނިންމުން ނިންމާފައި ވާވެއްދިފަޅު ވިއްކުން މަޑުޖައްސާލާފައި ބާއްވަން އެންގި އެންގުން ދަމަހައްޓަން ޖެހޭ ކަމަށް އޭސީސީއަށް ނުފެންނާތީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން ވާވެއްދި ފަޅު ވިއްކުން ހުއްޓުވާފައިވަނީ އެ ފަޅާ ގުޅޭ ތަހުގީގެއް ކުރަމުން ދިއުމުން ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ. ނަމަވެސް އެ ތަހުގީގާ ގުޅޭ އިތުރު ތަފްސީލެއް އެސީސީއިން ދީފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވާވެއްދިފަޅުގެ މައްސަލަ ބަލަން ފެށީ އެ ތަން ވިއްކާލަން ވިލާ ކުންފުނިން މި ފަހުން ނިންމި ނިންމުމަކާ ގުޅިގެންނެވެ.
ސަރުކާރުން ވިލާ އަށް ދޫކުރި ރަށްތަކުގެ ތެރެއިން ވާވެއްދިފަޅު އަތުލީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އަދި އެތަން ތަނަށް ދޭން ޖެހޭ ކުލީގެ ގޮތުގައި 188 މިލިއަން ޑޮލަރު ނުވަތަ 2.9 ބިލިއަން ރުފިޔާ ދެއްކުމަށް ވެސް ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރުގެ ތެރޭގައި ވިލާ އަށް އެންގިއެވެ.
އެ މައްސަލަ ބެލުމަށް ފަހު 2018 ގައި ސުޕްރީމް ކޯޓުން ނިންމީ އެތަންތަން އަނބުރާ އަތުލަން ހައިކޯޓުން ކޮށްފައިވާ ހުކުމް ބާތިލު ކުރުމަށެވެ. މި ފަޅުގެ މައްސަލާގައި ގާސިމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ގާސިމް އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރެއްވީ މި ސަރުކާރުން ވެސް އޭނާގެ ވިޔަފާރިއަށް އަމާޒުކޮށް ގެއްލުން ދޭން ފަށާފައިވާ ކަމުގެ ތުހުމަތުކޮށެވެ.
ނަމަވެސް އެ ތުހުމަތު ދޮގުކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ، މިނިވަން މުއައްސަސާތައް މި ސަރުކާރުގައި މަސައްކަތްކުރާނީ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތަށް މިނިވަންކަމާ އެކުގައި ކަމަށެވެ.