އިންތިހާބުތަކުގައި ދާއިމީ އެޑްރެސް ނޫން އެހެން ތަނެއްގައި ދިރިއުޅޭ މީހުން ރީރެޖިސްޓްރީ ވާން އެދި ހުށަހަޅާ ފޯމް އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ އެ ފޯމް ބަލައިނުގަންނަ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
މިއަދު ގެޒެޓުގައި އާންމު ކުރި އިންތިހާބުތަކާ ބެހޭ އާންމު ގަވައިދަށް ގެނައި 3 ވަނަ އިސްލާހުގައި ބުނާ ގޮތުގައި އެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) އަށް ވަނީ އިސްލާހެއް ގެނެސްފައެވެ.
އިސްލާހުގައި ބުނާ ގޮތުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެހެން ތަނެއްގައި ތިބޭ މީހުން އިންތިހާބުގައި ވޯޓު ދިނުމަށްޓަކައި ރީރެޖިސްޓްރީ ވާނަމަ، އެކަމަށް އިލެކްޝަން ކޮމިޝަނުން އާންމުކޮށް އިއުލާންކޮށް އަންގާ ގޮތެއްގެ މަތިން އެ މީހެއްގެ މައުލޫމާތު އީސީއަށް ނުވަތަ އީސީން ކަނޑައަޅާ ތަނަކަށް ކަނޑައަޅާފައިވާ މުއްދަތުގައި "ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓު ލުމައްޓަކައި ރީރެޖިސްޓްރީ ވުމަށް އެދޭ ފޯމް" ހުށަހަޅަން ވާނެ ކަމަށެވެ.
އެގޮތުން އެ ފޯމު އީސީއަށް ނުވަތަ އީސީން ފޯމު ލާން ކަނޑައަޅާފައިވާ ތަނަކަށް އީމެއިލް މެދުވެރިކޮށް ހުށަހަޅައިފި ނަމަ އެ ފޯމް ބަލައި ނުގަންނާނެ ކަމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ، އެއީ އެގޮތަށް ހުށަހަޅާ ފޯމްގެ ސައްހަކަން ކަށަވަރު ކުރަން ދަތިވާނެތީ ކަމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ.
އަންނަ ރިޔާސީ އިންތިހާބު ފެށެން ކުޑަތަން ވެފައިވާ އިރު، ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ރީ ރެޖިސްޓްރީވާން ހުޅުވާލާ ތާރީހަކީ މިމަހުގެ 16 ވަނަ ދުވަސް ކަމަށް އީސީން ވަނީ ބުނެފައެވެ. އޭރު އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެފައި ވަނީ ރީރަޖިސްޓްރީ ކުރަން 21 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށާއި އެ މީހަކު ހުރި ތަނަކުން އޮންލައިންކޮށް ފޯމު ހުށައަޅައިގެން ވެސް ރީރެޖިސްޓްރީ ވެވޭނެ ކަމަށެވެ.
އޮންލައިންކޮށް ހުށަަހަޅަން ޖެހޭނީ އީސީން ކަނޑައަޅާ ޕޯޓަލް އެއް މެދުވެރިކޮށް ކަމަސް އީސީން ވަނީ ބުނެފައެވެ. އެ ޕޯޓަލްގެ މައުލޫމާތާއި އަދި ރީރެޖިސްޓާ ވުމަށް އަމަލުކުރަން ޖެހޭ ގޮތްތައް އީސީން އަދި އާންމު ކުރާނެއެވެ.