ގުރައިދޫގެ ހިއްކި ބިމުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ރަށު ކައުންސިލުން ހުރަސް އަޅަމުންދާ ކަމަށާއި، ރައްޔިތުން ބޭނުންވާ ކަންކަމަށް ހުރަސްއަޅާ އެއްވެސް ފަރާތަކަށް ޖާގައެއް ނެތް ކަމަށް ވިދާޅުވެ، ގުރައިދޫ ކައުންސިލަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާ އަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިއަދު ގުރައިދޫ އަށް ވަޑައިގެން އެ ރަށުގައި ތިބި އެމްޑީޕީ މެންބަރުންނާ މުހާތަބުކުރައްވައި ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބަށް އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ އިން ނުކުންނަނީ އެންމެ ގިނަ މެންބަރުން ތިބި ކޯލިޝަންގެ ގޮތުގައި ކަމަށާއި، މިއީ ރާއްޖޭގެ ތާރީހުގައި ރިޔާސީ އިންތިހާބުގައި ވާދަކުރި އެހެން ކޯލިޝަންތަކާ ބަލާއިރު އެންމެ ގިނަ މެންބަރުން ތިބި ކޯލިޝަން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، އަމާޒަކީ އިންތިހާބު އޮންނަ ދުވަހު އެއް ލައްކަ ވޯޓުން ފެށުމެވެ. މާލެ އަތޮޅުން އެ އަދަދު ހަމަކޮށް، އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް ތަކުރާރު ކުރެއްވިއެވެ.

ރާއްޖެ އަށް ބޭނުންވަނީ ތަރައްގީ ކަމަށް ވިދާޅުވެ، ރައީސް ތަރައްގީ މާނަކުރައްވާ ގޮތް ތަފްސީލު ކުރެއްވިއެވެ.

"ތަރައްގީ އަކީ ހިތައް ފިނިކަން ލިބުން، ނަފްސަށް އުފާވެރިކަން ލިބުން، ސިކުނޑި ނުތަނަވަސްކަމުން މިންޖުވެ ދިރިއުޅުމައިގެން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުން، އެއީ ތަރައްގީ އަކީ، އަޅުގަނޑުމެން މި ގެނެސްދެނީ އެ ތަރައްގީ،"

"އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުން، އަޅުގަނޑުމެންގެ އާއިލާ އާ އެކީގަ ހަމަޖެހިގެން ދަރިންނަށް ކިޔަވައިދީ، ސިއްހީ ހިދުމަތް ކައިރިން ލިބޭނެ ގޮތް ހަދައިދީ، ދިރިއުޅުން ބާއްޖަވެރިކުރުމަށް ކުރާ މަސައްކަތްތައް ކުރުން، އަޅުގަނޑުމެންގެ ސިކުނޑި، އަޅުގަނޑުމެން ދިރިއުޅުމައިގެން ވިސްނުމަށް ޖާގަ ހޯދައިދިނުން، ހަލަބޮލިކަމުން ނެއްޓި، އަމާންކަން އޮތް ޖައްވެއްގައި ދިރިއުޅުން ހޭދަކުރުން،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ގުރައިދޫ އަށް ބޭނުންވާ ކަންކަމުގެ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ރަށަށް އެންމެ ބޭނުންވެފައި އޮތް ކަމަކީ ބިން ހިއްކުން ކަމަށާއި، ބޮޑު ބިމެއް ހިއްކާފައި ވަނީ އާންމުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގުރައިދޫގެ އާންމުންނަށް އެ ރަށުގެ ބިމުން ގޯތި ދިނުމުގެ ޒިންމާ އޮތީ ކައުންސިލްގައި ކަމަށެވެ.

ނަމަވެސް، އެ ރަށު ކައުންސިލުން ގޯތި ދިނުމަށް ހުރަސް އަޅަމުންދާ ކަމަށާއި، އެކަމާ ހިތާމަކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ގޮވާލެއްވީ، ކައުންސިލުން ގޯތި ދޫނުކުރެވޭ ކަމަށް ވަންޏާ ގާނޫނަށް ބަދަލު ގެނެސްގެން ވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ.

"ރައްޔިތުން ބޭނުންވާ ކަންތައްތަކަށް ހުރަސް އަޅާ ބަޔަކަށް އަޅުގަނޑުމެން ޖާގައެއް ދޭކަށް ދެން ނެތިން،" ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ގުރައިދޫ ކައުންސިލަށް ފާޑުވިދާޅުވެ، ރައީސް ވިދާޅުވިއެވެ.