މާދަމާ އުމްރާއަށް ގިނަ ބަޔަކު ފުރާތީއާއި ގިނަ އަދަދެއްގެ ހައްޖުވެރިން އައުމަށް ހަމަޖެހިފައިވާތީ އެއާޕޯޓުން ހިދުމަތް ހޯދާ ފަރާތްތަކުން ވަގުތު އޮއްވާ ފުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ބުނީ މާދަމާގެ 12:00 އިން ފެށިގެން ހަވީރު 04:00 އާ ދެމެދު ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަމަށް ފުރުމަށް ހަމަޖެހިފައިވާތީއާއި ގިނަ އަދަދެއްގެ ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކް ތޮއްޖެހުން ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން، ދަތުރުކުރެއްވުމުގެ އެންމެހާ ކަންކަން އޮމާންކަމާއެކު ދާނެކަން ކަށަވަރު ކުރުމަށް، އެއާޕޯޓުން ހިދުމަތް ހޯދާ ފަރާތްތަކުން ވަގުތު އޮއްވާ ފުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން އިތުރަށް ބުނީ، އެއާޕޯޓުގައި އޮމާންކަމާއެކު ޓްރެފިކް ފްލޯ ކުރިއަށްދާނެކަން ކަށަވަރުކުރުމަށްޓަކައި އިތުރު ފުލުހުން ހިދުމަތުގައި އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. އެއާޕޯޓަށް އަންނަ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަހަރު އެކި ގްރޫޕްތަކުން ހައްޖަށް މީހުން ގޮސްފައިވާ އަދަދު:

  • މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްއިން 870 ހައްޖުވެރިން
  • ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްއިން 90 ހައްޖުވެރިން
  • އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑްއިން 90 ހައްޖުވެރިން
  • އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން 90 ހައްޖުވެރިން

މިއީ މިއަހަރު ރާއްޖެއިން ހައްޖަށް ގޮސް އުޅެނިކޮށް 4 ހައްޖާޖީއެއް ވަނީ ނިޔާވެފައެވެ.

ރާއްޖެއިން މީހުން ހައްޖަށް މީހުން ގެންދިއުމަށް މި އަހަރު އަލްހަރަމައިން ހައްޖު އެންޑް އުމްރާ އާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ އަދި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އަށް ހުއްދަ ދީފައިވާއިރު ބައެއް ގުރޫޕުތަކުން އިތުރަށް ފައިސާ ނެގި ކަމުގެ ޝަކުވާ ބައެއް މީހުން ވަނީ ކޮށްފައެވެ.

މިދިޔަ އަހަރު ރާއްޖެއަށް ލިބުނު 453 ކޯޓާއަށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދިވެހިން ދިޔައެވެ. ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ކޯޓާ ބެހުމުގައި 353 ޖާގަ ހާއްސަކުރީ، ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި މީހުންނަށެވެ. ބާކީ 100 ކޯޓާގައި ހައްޖަށް ގެންދާނެ މީހުން ކަނޑައެޅީ، ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގި ގުރުއަތުންނެވެ.