ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރުކުރި ޝަހީބް އިބްރާހިމް ބަންދުން ދޫކޮށްލައިފިއެވެ.

އެ މައްސަލައިގައި ޝަހީބު ހިމެނޭގޮތަށް ހަތް މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ހިމެނެއެވެ. މި މައްސަލައިގައި ދައުވާ ކުރަމުން ދަނީ ޝަހީބުގެ އިތުރުން ހއ. ހޯރަފުށީ ވައިލެޓްވިލާ އަހްމަދު މޫސާ އަށެވެ.

މި މައްސަލައިގައި ޝަހީބުގެ ބައިވެރިވުން އޮތް މިންވަރަށް ރިއާޔަތްކޮށް އަމުރުގައި ގާޒީ ބުނެފައި ވަނީ ޝަހީބުގެ ފަރާތުން މުޖުތަމައުއަށް ނުރައްކާވާނެ ކަމަށް ބެލެވެން ނެތް ކަމަށާއި ބާކީ ތިބި ހެކިންނަށް ނުފޫޒު ފޯރުވޭނެ ކަމަށް ނުފެންނަ ކަމަށެވެ. އަދި ޝަހީބުގެ ފަރާތުން ހުށަހެޅި ގިނަ ކަންކަން ޝަރީއަތުން ވަނީ ބަލައިގެންފައެވެ.

ޝަހީބް ބަންދުގައި ބެހެއްޓުމަށް ފަހު ޝަރުތުތަކާ އެކު މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލާފައެވެ. އެކަމަކު އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ މަހު ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަނެއްކާވެސް އަމުރު ކޮށްފައެވެ. ނަމަވެސް މިފަހަރު އޭނާ ދޫކޮށްލާފައި ވަނީ އެއްވެސް ޝަރުތަކާ ނުލައެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރި ވެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރަނީ ޝަހީބް އިބްރާހިމް އާއި އަހްމަދު މޫސާ އަށެވެ. ޝަހީބަކީ ކުރީ ސަރުކާރުގައި ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި މީހެކެވެ. އަދި މީހާރު އޭނާ ވަނީ ޕީއެންސީގެ ކައުންސިލް މެންބަރު ކަމުން ސަސްޕެންޑު ކޮށްފައެވެ.