ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑް ކޮށްފިއެވެ.
ޖޭއެސްސީން ބުނީ ރަފީއުއްދީން ސަސްޕެންޑް ކޮށްފައިވަނީ އަވަސްނިޔާގެ އަޑުއެހުމުގެ މައްސަލައެއްގައި ބަޔާންތަކުގައި ސޮއިނުކޮށް އެހެން ދުވަހަކަށް ހުކުމް ކުރުން ތާވަލު ކުރާނެ ކަމަށް ވިދާޅުވެ ތާވަލު ނުކޮށް 1 އަހަރާއި 5 މަހާއި 19 ދުވަސް ހޭދަކުރި މައްސަލައެއްގައެވެ.
އަދި ހުކުމް ކުރުމަށް ތާވަލުކޮށް، ދައުވާލިބޭ ފަރާތް ރަށުގައި ނެތުމުގެ ސަބަބުން ހުކުމް ކުރުމުގެ މަޖިލިސް ކެންސަލް ކުރުމަށް ފަހު މައްސަލައިގެ ހުކުމް ނުކޮށް އޮވެ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދުމުން މައްސަލަ އަނބުރާ ފޮނުވައި ދީފައި ވާކަން ތަހުގީގަށް ހޯދުނު ލިޔެކިޔުންތަކާއި ބަޔާންތަކުން އެނގޭ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
އަދި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އެ ގަޒިއްޔާގެ ހުކުމް ކޮށްފައި ނުވަނީ މެޖިސްޓްރޭޓް ރަފީއުއްދީންގެ އިހުމާލެއް އޮވެގެން ކަމަށް ސާބިތުވާ ކަމަށާއި އެހެންކަމުން މިއަދުން ފެށިގެން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު 07 ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ އިތުރުން މަގާމުގެ މަސްއޫލިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ މިހާރަކަށް އައިސް އާންމު ވަމުން އަންނަ ކަމެއް ކަން ފާހަގަ ކޮށްލެވެއެވެ. މި ސަރުކާރު އައި ފަހުން ޖޭއެސްސީން ފަނޑިޔާރުންގެ އެކި ކަހަލަ މައްސަލަތައް ބަލަމުން އަންނަ އިރު ބައެއް ފަނޑިޔާރުންގެ ފަރާތުން ގިނަ ސުލޫކީ މައްސަލަތަކެއް ފާހަގަ ވެ ވަނީ ސަސްޕެންޑްކޮށް ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށްފައެވެ.
ޖޭއެސްސީން ބުނެފައި ވަނީ، ފަނޑިޔާރުންގެ ތެރޭގައި ތަފާތު ކުރުމެއް ނެތި، ގާނޫނުއަސާސީ އާއިި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެއީ އަސާސް ކަމުގައި ބަލައިގެން ފަނޑިޔާރުންގެ މައްސަލަަތައް ބަލަމުން ދާނެ ކަމަށެވެ.