އިސްލާމްން ދީނަށް ތައުހީން ކޮށް 'ޝައިތާނީ އާޔަތްތައް' ގެ ނަމުގައި ފޮތް ލިޔުނު ސަލްމާން ރުޝްދީއަށް ނިއުޔޯކުގައި ދިން ހަމަލާއަށް އަހަރުވާން ދާއިރު ވެސް އެ ބިރު ފިލާ ނުދާ ކަމަށާއި އެކަމަށް ފަރުވާ ހޯދަމުން ދާ ކަމަށް ބުނެފިއެވެ.
އުމުރުން 76 އަހަރުގެ ރުޝްދީއަށް ހަމަލާދިނީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އެމެރިކާގެ ނިއުޔޯކަށް ގޮސް، ލެކްޗަރެއް ދޭން ސްޓޭޖްމަތީގައި އިންދާ، އޯޑިއަންސުން އެރި މީހާކު އޭނާގެ ގަޔަށް ވަޅި ހަރައެވެ. ރިޕޯޓް ތައް ބުނާ ގޮތުން އޭނާގެ ގައިގެ 10 ތަނަކަށް ވަޅީގެ ހަމަލާ އަމާޒުވެފައި ވާ އިރު އެއް ލޯ ކަނުވެ އެއް އަތް ވާވި އިރު ލިވާ [ފުރަމޭ] ވެސް ވަނީ ހަލާކުވެފައެވެ.
ރުޝްދީ ބުނީ އެހަމަލާ އަށް އަަހރު ދުވަސް ވާން ދާން އިރު ކުރިމަތިވެފައިވާ ނަފްސާނީ ކަންކަމަށް އަދިވެސް ފަރުވާ ކުރަމުން ދާ ކަމަށެވެ. ތެރަޕިސްޓެއްގެ އެހީގައި ފަރުވާ ކުރަމުން ދާއިރު، ހަމަލާ ދިން މީހާ ގޮވައިގެން ކޯޓަށް ދާނީތޯ ނޫންތޯ ވިސްނޭ ކަމަށާއި ހަމައެހެންމެ ދައުވަތު ދީގެން، ކޮންތްރޯލް ކުރެވޭ ބަޔަކު ތިބޭ ތަންތަން ނޫން އާންމު ތަންތަނަށް ދާންވީތޯ ނުވަތަ ނުދާންވީތޯވެސް ނުނިންމޭ ކަމަށެވެ.
އޭނާ ބުނަނީ ހަމަލާދިން މައްސަލަގައި ހައްޔަރު ކުރި މީހާގެ ޝަރީއަތެއް ނުހިންގާ ހުކުމް ކުރާނެ ނަމަ ރަނގަޅު ކަމަށާއި އޭނާ އަކީ ހަމަލާދިން މީހަގެ ލޯޔަރު ނަމަ، އެމީހާއަށް އަދަބު ދޭން ބުނެ މައްސަލަ ނިންމާލާނެ ކަމަށެވެ.
އޭނާ ތަހަންމަލް ކުރަމުންދާ ނަފްސާނީ ހާލަތު ބުނެދޭން ޖެހި މިސާލަކީ، ކޮޓަރިތެރޭގައި އޮތް ބޮޑު އެތް [އެލެފަންޓް] އާ މެދު ގޮތެއް ނުހެދެނީސް އެއްވެސް ކަމަކާ ސީރިއަސް ވާން އުނދަގޫ ކަމަށެވެ.
1988 ގައި ސަލްމާން ލިޔުނު ފޮތުގެ މައްސަލަގައި މުސްލިމް ގިނަ ގައުމުތަކެއްގައި އޭނާ އާ ދެކޮޅަށް އެދުވަސްވަރު ބޮޑެތި މުޒާހަރާތައް ކޮށްފައި ވެއެވެ. އަދި އޭނާގެ ބޯ ކަނޑަލަދިން މީހަކަށް އީރާނުން ފައިސާނެ އިނާމުވެސް ހުށަހެޅިއެވެ. އޭނާގެ ފޮތް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މަނާ ކުރި އިރު ރާއްޖޭގައި ވެސް އެފޮތް މަނާ ކުރިއެވެ.