އޭއައި ބޭނުންކޮށްގެން އީސާގެފާނު ފަދައިން ސިފަކޮށްފައިވާ ފޮޓޯއެއް ހައްދަވާ ސޯޝަލްމީޑިއާގައި އާންމުކުރެއްވުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އޭނާގެ އަމިއްލަ ސަޕޯޓަރުންނާއި އީސާއީ ދީނުގެ ދީނީ އިލްމުވެރިންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. މި ފޮޓޯ އާންމުކުރައްވާފައި ވަނީ ކްރިސްޓިއަނުންގެ މުހިންމު ދުވަހެއް ކަމަށްވާ އޮތޮޑޮކްސް އީސްޓާ އާ ދިމާކޮށް، ޓްރަމްޕްގެ އަމިއްލަ ސޯޝަލްމީޑިއާ ކަމަށްވާ 'ޓްރުތު ސޯޝަލް' ގައެވެ.
އާދީއްތަ ދުވަހުގެ ރޭ އާންމުކުރެއްވި މި ފޮޓޯއިން ފެންނަނީ، ހުދު ކުލައިގެ ހެދުމަކާއި ރަތް ކުލައިގެ ފޮތިގަނޑެއް އަޅުއްވައިގެން ހުންނަވާ ޓްރަމްޕް، ހޮސްޕިޓަލު އެނދެއްގައި އޮތް ބަލިމީހެއްގެ ބޮލުގައި އަތްޕުޅު ޖައްސަވައިގެން ފަރުވާދެއްވާ މަންޒަރެވެ. އަދި އޭނާގެ އަތްޕުޅުން އަލިކަމެއް ފާޅުވާން ހުންނައިރު، ފަހަތުން މަލާއިކަތުން ގޮތަށް ސިފަކުރަން އެމެރިކާގެ ސިފައިންތަކެއްވެސް ފެންނަން ހުރެއެވެ. މި ފޮޓޯއަކީ ކޮންޒަވޭޓިވް ކޮމެންޓޭޓަރު ނިކް އެޑަމްސް ފެބްރުއަރީ މަހު އާންމުކުރި ފޮޓޯއަކަށް ބަދަލުތަކެއް ގެނެސްގެން ތައްޔާރުކޮށްފައިވާ ފޮޓޯއެކެވެ. ނަމަވެސް، މި ފޮޓޯއާ ގުޅިގެން ހޫނު ފާޑުކިޔުންތަކާއެކު، ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޓްރަމްޕް ވަނީ އެ ޕޯސްޓު ޑިލީޓް ކުރައްވާފައެވެ.
މި މައްސަލައާ ގުޅިގެން ހޯމަ ދުވަހު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އޭނާގެ އަމަލު ދިފާއުކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ އެ ފޮޓޯ ޕޯސްޓުކުރެއްވީ އޭނާ އަމިއްލަފުޅަށް ކަމަށާއި، ނަމަވެސް އެއީ އީސާގެފާނު ކަމަށް ހީފުޅުނުކުރައްވާ ކަމަށެވެ.
މި ފޮޓޯއާ ގުޅިގެން އެންމެ ބޮޑަށް ފާޑުކިޔާފައިވަނީ ޓްރަމްޕަށް އާންމުކޮށް ތާއީދުކުރާ ކޮންޒަވޭޓިވުންނެވެ. އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ކުރީގެ މެމްބަރު މާޖަރީ ޓޭލާ ގްރީން ވިދާޅުވީ މި އަމަލު ކުށްވެރިކުރައްވާ ކަމަށެވެ. އަދި ކޮންޒަވޭޓިވް އެކްޓިވިސްޓް ރައިލީ ގޭންސް ވިދާޅުވީ، ދީނީ ކަންކަމަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރު ބާނީ ސޭންޑަސްވެސް ވަނީ ޓްރަމްޕްގެ އަމަލަކީ ބޮޑާކަމުގެ އިންތިހާ ކަމަށް ސިފަކުރައްވާފައެވެ. ސިޔާސީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، 2024 ވަނަ އަހަރުގެ އިންތިހާބުގައި ކެތޮލިކް ކްރިސްޓިއަނުންގެ 56 އިންސައްތަ ތާއީދު ހޯއްދެވި ޓްރަމްޕަށް، މިފަދަ އަމަލުތަކުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ކުރިމަތިވުން އެކަށީގެންވެއެވެ.
މި ފޮޓޯ ޕޯސްޓުކުރެއްވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ޓްރަމްޕް ވަނީ ކެތޮލިކް ފައްޅީގެ އެންމެ އިސްވެރިޔާ ޕޯޕް ލިއޯ ސާދަވަނައަށް އަމާޒުކުރައްވައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ވެސް ދެއްވާފައެވެ. އެމެރިކާއަށް އުފަން ފުރަތަމަ ޕޯޕް ކަމަށްވާ ލިއޯއަކީ، އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް ފާޅުގައި އަޑުއުފުއްލަވަމުން ގެންދަވާ ބޭފުޅެކެވެ. ދާދި ފަހުން ޓްރަމްޕް އީރާނަށް ދެއްވި އިންޒާރުތަކާ ގުޅިގެން ޕޯޕް ވަނީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އެއާއެކު ޓްރަމްޕް ވަނީ ޕޯޕް ލިއޯއަކީ ކުށްކުރުން ހުއްޓުވުމުގައި “ބަލިކަށި” އަދި ހާރިޖީ ސިޔާސަތުގައި “ގޯސް” ބޭފުޅެއް ކަމަށް ސިފަކުރައްވާފައެވެ. އަދި އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަކީ މައްސަލައެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ޕޯޕެއް ބޭނުންފުޅުނުވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
މި ފާޑުކިޔުންތަކަށް ރައްދުދެއްވަމުން، އަލްޖީރިއާއަށް ކުރައްވާ ދަތުރުފުޅެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕޯޕް ލިއޯ ހޯމަ ދުވަހު ވިދާޅުވީ، ޓްރަމްޕްގެ ސަރުކާރާމެދު އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށެވެ. ޕޯޕް ވިދާޅުވީ އޭނާއަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށާއި، އޭނާގެ މަސްއޫލިއްޔަތަކީ ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކާ ދެކޮޅަށް އަޑުއުފުއްލަވައި، ސުލްހައަށް ގޮވާލެއްވުން ކަމަށެވެ. އަދި ދުނިޔޭގައި މައުސޫމު އެތައް ބަޔަކު މަރުވަމުން ދާއިރު، އެކަމާ ދެކޮޅަށް ތެދުވެ ވާހަކަދެއްކުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް ޕޯޕް ލިއޯ ފާހަގަކުރެއްވިއެވެ.
