އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލު ކޮށްފިއެވެ.
އެ މައްސަލާގެ އަޑުއެހުން ތާވަލު ކޮށްފައި ވަނީ މާދަމާ ހެނދުނު 9 ޖަހާއިރަށް ކްރިމިނަލް ކޯޓުގައެވެ.
އެ މައްސަލާގެ ހެކިބަސް ނަގަމުން ދާއިރު އެ މައްސަލާގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައި ވާއިރު ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތްވެސް ކުރިއަށް ދަނީ އެއް ގަޒިއްޔާއަކުންނެވެ.
އެހެންނަމަވެސް ކްރިކް ރިޒާ ބަލިވެ އުޅޭތީ ޖެހިޖެހިގެން 5 ފަހަރު އަޑުއެހުން ކެންސަލު ކޮށްފައި ވާއިރު ކްރިކް ރިޒާގެ ސަބަބުން ޝަރީއަތް މަޑުޖެހިފައި ވާތީ، އޭނާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ވަނީ އެދިފައެވެ.
ޕީޖީން މިއަދު ބުނީ ކްރިކް ރިޒާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްތަކަކާއި ގުޅިގެން އެ މައްސަލަ ކޯޓުގެ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ. އަދި ކްރިކް ފަރާތުން ހުށަހެޅި ދިފާއީ ހެކިތަކެއްގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުން އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުންދާ ކަމަށް ޕީޖީން ބުންޏެވެ.
ކުރިކްގެ ބައިގައި ދިމާވި މި ހާލަތާ ގުޅިގެން އެބައި ވަކިން ކޯޓުގައި ކުރިއަށް ގެންދެވޭނެ ގޮތެއް އޮތްތޯ ބެލިއިރު އެ މަގު ގާނޫނީ ގޮތުން އޮތީ ބަންދުވެފައި ކަމަށްވެސް ޕީޖީން ބުންޏެވެ.
އެހެންކަމުން މި މައްސަލައަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށް ވެފައި, މިފަދަ މައްސަލައެއްގައި ދައުވާލިބޭ އެކެއްގެ ބައިގައި ދިމާވި ހާލަތަކާއި ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވުމަކީ އާންމު މަސްލަހަތު އޮތް ގޮތް ކަމަށް ނުފެންނާތީއާއި, ކްރިކް ހުށަހެޅި ހެކިތަކާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް, ކުރިކްގެ މައްޗަށް ކޮށްފައިވާ ދައުވާތައް މިވަގުތަށް މަޑުޖައްސާލުމަށްޓަކައި, އެ ދައުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ފޮނުއްވައި ދިނުމަށް ދަންނަވާފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ. އަދި ކްރިކް ރިޒާގެ ބައި އަނބުރާ ގެންނަނީ މިވަގުތަށް މަޑުޖައްސާލުމަށް ކަަމަށާއި ހާލަތު ބަދަލުވުމުން ސާފުކުރަންޖެހޭ ކަންކަން ސާފުވުމުން އަލުން ދައުވާ ކުރިއަށް ގެންދާނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ސިޔާޒް ވިދާޅުވީ ހެކީންގެ ހެކިބަސް ނަގަން ފެށުމަށްފަހު ދައުވާ އަނބުރާގެނެސް އިސްތިސްނާއީ ހާލަތެއްގައި މެނުވީ އަލުން ހުށަހެޅުން ގާނޫނު ފުރުސަތެއް ނުދޭ ކަމަށެވެ. އަދި އެކުގައި ކުރިއަށްގެންދާ ދައުވާއެއް ޝަރީއަތް ފެށުމަށްފަހު ވަކި ކުރުމަށްވެސް ގާނޫނު ތަނެއް ނުދޭ ކަމަށެވެ.
މީގެ އެއް ގާނޫނީ ބަހުސަކީ ޝަރީއަތުގެ މަރުހަލާ ފެށުމާއެކު ދައުވާލިބޭ ފަރާތްތަކުން ދިފާއު ހާމަ ކޮށްފައި އޮތުން ކަމަށާއި ހީލަތްތެރިގޮތުގައި މީހުން ކުށްވެރި ކުރުމުގެ ދޮރު ބަންދު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާޒް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގައި ގާނޫނާއި ހިލާފު މިފަދަ އަމަލުތަކަށް ގިނަ ފަހަރު ފަރުވާ ލިބެނީ އިސްތިއުނާފި ކޯޓުތަކުން ކަމަށާއި ހައްލު ހޯދުމަށް ހޭދަވާ މުއްދަތު ބަންދުގައި ނުޙައްގު އަދަބެއް ލިބުމުން އެއަށް ޒިންމާކުރެވޭޭނެ ގޮތެއް ގާނޫނީ ނިޒާމުގެ ތެރެއިން ހޯދަން ޖެހޭ ކަމަށެވެ.