ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެމިލީ ބްލަންޓް އެކްޓިން ދާއިރާ އިން ބްރޭކެއް ނަގައިފިއެވެ.
އެކްޓަރު ޖޯން ކްރާސިންސްކީ އާއި ކައިވެނިކޮށް ކައިވެންޏަށް ދެދަރިން ލިބިފައިވާ އެމިލީ ވަނީ ދާދިފަހުން "ޓޭބަލް ފޮ ޓޫ" ޕޮޑްކާސްޓުގައި ބައިވެރިވެ ދިރިއުޅުމުގެ ބައެއް ކަންތައްތައް ހިއްސާކޮށްފައެވެ. ބަތަލާ ބުނީ ދަރިން ބެލުމަކީ އުނދަގޫ ކަމެއްކަމަށާއި ކެރިއަރަށާއި އާއިލާ އަށް ފޯކަސް ކުރަން ވުމުން ބެލެންސްކުރަން ވަރަށް އުނދަގޫ ކަމަށެވެ. ދަރިންނަށް ކިތަންމެ ގިނައިން ކަންތައްތައް ކޮށްދެވުނަސް އަބަދުވެސް ހީވަނީ ކޮންމެވެސް ކަމެއް ދަރިންނަށް އުނިވާހެން ކަމަށް އެމިލީ ވަނީ ބުނެފައެވެ.
"އެކަމަކު މިއަހަރު ރަނގަޅުވާނެ އެކަން. ދަރިންނަށް ބޮޑަށް ފޯކަސް ކުރާނީ މިއަހަރު. ފިލްމީ މަސައްކަތްތަކުން ނުފެންނާނެ،"
އެމިލީ ބުނީ ޕްރޮފެޝަނަލް ކެރިއަރާއި އަމިއްލަ ދިރިއުޅުން ބެލެންސް ކުރަނީ ކިހިނެއްތޯ މީހުން އަބަދުވެސް ސުވާލުކުރާ ކަމަށާއި އޭގެ ޖަވާބަކަށް ވާނީ ދެކަންތައް އެންމެ ފުރިހަމައަށް ބެލެންސްނުކުރެވޭ ކަމަށެވެ. ބޮޑު ދަރިފުޅަށް ނުވަ އަހަރުވީއިރު، މަންމަ އަބަދު މަސައްކަތުގައި ބުރަކޮށް އުޅޭތީ ދަރިން ޝަކުވާ ކުރާކަމަށާއި އެހެންވެ މިވަގުތު އެންމެ އިސްކަމެއް ދެނީ ދަރިންނަށް ކަމަށާއި އޭގެ ސަބަބުން ފިލްމީ މަސައްކަތް ކުރުން ކުޑަ ދުވަސްކޮޅަކަށް މެދުކަނޑާލީ ކަމަށްވެސް ބަތަލާ އެމިލީ ބުންޏެވެ.
"އަ ކުއައެޓް ޕްލޭސް" އެއް ވަނަ ބައި އަދި ދެވަނަ ބައި ކުޅުނު މަޝްހޫރު ބަތަލާ އެމިލީ އަށް އެންމެ ފުރަތަމަ ކުއްޖެއް ލިބުނީ 2014 ވަނަ އަހަރުއެވެ. ދެވަނަ ކުއްޖާ އޭގެ ދެއަހަރުފަހުން 2016 ގައި ވަނީ ވިހާފައެވެ. އެމިލީ އާއި އޭނާގެ ފިރިމީހާ ޖޯން ކައިވެނިކުރީ 2010 ވަނަ އަހަރުގައެވެ. ބަތަލާ ގެ އާ ފިލްމު "އޯޕަންހީމާ" މި މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރަން ވަނީ ނިންމާފައެވެ.