ދުސްތޫރީ ނިޒާމް ސިޔާސީ ބޭފުޅުން ބޭނުންވާގޮތަށް ގުދުކުރެވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިހެން ވިދާޅުވީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ޖިންސީ ގޯނާއާ ގުޅޭ ދައުވާތައް ކުރިއަށް ނުގެންދިއުމަށް ދައުލަތުން ނިންމުމާ ގުޅިގެންނާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ކަމަށްބުނެ ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ސަރުކާރުން އިއްޔެ ދިނުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ގައުމުގެ ދުސްތޫރީ ނިޒާމް ސިޔާސީ ބޭފުޅުން ބޭނުންވާގޮތަށް ގުދުކުރެވޭ ގޮތަށް ކަންތައް ވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އާޒިމާ ވަނީ ދިވެހިރާއްޖެއިން ނޫ ގާނޫނު އަސާސީއަށް އަނބުރާ ރުޖޫއަ ވާންވީތޯ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން އާޒިމާ ކުރެއްވި އިތުރު ޓްވީޓެއްގައި އޭނާ ވަނީ ދިވެހިރާއްޖޭގެ ހުރިހާ އަންހެނުންނަށް މަރުހަބާ ވިދާޅުވެ، ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަންހެނުން ރައްކާތެރިކުރުމުގެ ސިޔާސަތަށް ވެސް ސާބަސް ވިދާޅުވެފައެވެ. އަދި ގައުމުގެ ހާލަތާއި މެދު ހިތާމަކުރައްވާކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.

ނާރުގެ ސީރިއަސް ބައްޔަކަށް މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ އަދީބު ފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ކަރެކްޝަންސް އިން ހުއްދަ ދިނީ ރާއްޖޭގައި ފަރުވާ ދެވެން ނެތް ބަޔަކަށް ފަރުވާ ހޯދުމަށެވެ. އަދީބު ސިންގަޕޫރަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 10 ދުވަހަށެވެ.

އަދީބަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަޑީގައި ހުރި އެކެކެވެ. ހިޔާނާތް ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުން ޔާމީނަށް ވެސް ބޮޑެތި މަންފާތަކެއް ލިބިވަޑައިގެންފައިވެ އެވެ. ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަކީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތެއްގައި ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާއެކެވެ.

އެ ދައުވާތައް ކުރި ފަހުން ބޭސްފަރުވާ އަށް ކަމަށް ބުނެ، މާޗު 9، 2021 ގައި އިނގިރޭސިވިލާތަށް އަލީ ވަހީދު ވަނީ ވަޑައިގެންފައެވެ. އެއަށްފަހު ޝަރީއަތަށް ހާޒިރުވުމަށް އަލީ ވަހީދަށް ޗިޓު ފޮނުވި ނަމަވެސް ރާއްޖެއަށް ވަޑައިގެންފައި ނުވާތީ އިންޓަޕޯލް ރެޑްނޯޓިސް ނެރެގެން ވެސް މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭރު ވިދާޅުވިއެވެ. އަދި އެއަށްފަހު އިންޓަޕޯލް ރެޑްނޯޓިސް ނެރެ ހައްޔަރުކުރި ކަމަށް ފުލުހުން ބުނި ނަމަވެސް އަލީ ވަހީދު އެކަމަށް ވަނީ އިންކާރު ކުރައްވާފައެވެ.

މިދިޔަ މަހުގެ ތެރޭގައި ޕީޖީއިން ބުނީ ކްރިމިނަލް ކޯޓުގައި އަލީ ވަހީދުގެ މައްޗަށް އުފުލި ދައުވާތައް ބޭރުކޮށްލައި އަނބުރާ ޕީޖީ އޮފީހަށް އެ މައްސަލަ ފޮނުވާލި ފަހުން މި މައްސަަލައިގައި ހެކިބަސް ދޭން ބުނި މީހުންނާއި އަނިޔާ ލިބުނު މީހުން ވަނީ އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބަޔާން ކޮށް ފުލުހުންނަށާއި ޕީޖީއަށް ސިޓީ ފޮނުވާފައި ކަމަށެވެ.

ނަމަވެސް ޕީޖީން މި މައްސަލަަ ކުރިއަށް ގެންދިއުމަށް އަނިޔާލިބުނު މީހުންނާ ބައްދަލުކޮށް ވެސް ކަންކަން ސާފުކޮށްފައި ކަމަށް ޕީޖީން ބުނެއެވެ. އަދި މި މައްސަލައިގައި ހެކިންގެ ހެކިބަހާ ނުލައި ދައުވާތައް ސާބިތު ކުރެވޭނެ ގޮތެއް ނެތުމުން އަލީ ވަހީދަށް ކޮށްފައިވާ ދައުވާތައް ކުރިއަށް ނުގެންދިއުމަށް މި މަހުގެ 6 ވަނަ ދުވަހު ވަނީ ކަނޑައަޅާފައި ކަމަށް ޕީޖީއިން ބުނެއެވެ.