ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޔޫސުފް ޝަފީއު (ޔޫއްޕެ) ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓްކުރާ ފިލްމު "ޖޯކަރު" ގެ ފަސްޓްލުކް ދައްކާލައިފިއެވެ.

މި ފިލްމުގެ ފަސްޓްލުކް މިހާރު އާންމުކޮށްފައިވާއިރު ކުރު ޓީޒާއިން ފެނިގެންދަނީ ދަތުރު ދާން ބޭނުންކުރާ ފޮށްޓެކެވެ. އަދި އެ ފޮށްޓަކީ އެންމެންނަށްވެސް ވަރަށް މުހިއްމު ފޮށްޓެއްކަމުން އެ ފޮށި ހޯދުމަށް އެންމެން ވެސް މަސައްކަތްކުރެއެވެ. ނޭނގެނީ އެ ފޮށިތެރޭގައި އޮތީ ކޯއްޗެއްކަމެވެ. ދާދިފަހުން ސިނަމާގައި އެޅުވި ފިލްމު "ލޯބިވެވިއްޖެ" ގެ ޕްރޮޑިއުސަރު ޝާނީޒް އަލީ އާއި "ނޯޓީ 40" އަދި "ފޯޓީ ޕްލަސް" ފަދަ ހެއްވާ މަޖާ ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދިން ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ.

ކޮމެޑީ ޖޯންރާ އަށް ގެނެސްދޭ މި ފިލްމުގައި ބޮޑު ކާސްޓެއް އެކުލެވޭއިރު ފިލްމުގައި ހިމެނޭ ތަރިންނަކީ ޝީލާ ނަޖީބު، އަހްމަދު ނިމާލް، ނާޝިދާ (ނާއްކޮ)، އަހްމަދު ސައީދު، އަލީ އާޒިމް ދޮން (އައްޔަ) އިބްރާހީމް ރަޝީދު (ބްރޯ)، ހަމްދާމް ފާރޫގު، އަހުމަދު ރިފްޝާން، ޝަހީދާ އަހުމަދު، ޓިކްޓޮކް އިން އާންމުންގެ މެދުގައި ސަމާލުކަން ހޯދި މޫސާ އަލީފް އަދި ނަސްވީ އެވެ. ޝްއި ޕްރޮޑަކްޝަން ފުރާޅުގެ ދަށުން ގެނެސްދޭ މި ފިލްމަކީ ބެލުންތެރިން ހީހީ ބަލިކޮށްލާނެ ވަރުގެ ފިލްމެއްކަން ފިލްމުގެ ފަސްޓްލުކް ވެސް ހާމަވެގެން ދިޔައެވެ.

ޝައި ޕްރޮޑަކްޝަން ކުންފުނީގެ ފިލްމުތަކަކީ އާންމުކޮށް ވަރަށް ވަރުގަދަ ޓެގްލައިން ތަކާއެކު ޓްރެއިލާ ދައްކާލާ ފިލްމުތަކެކެވެ. އެގޮތުނ މިފަހަރު އެމީހުން ގެނެސްދޭ "ޖޯކަރު" ގެ ޓެގްލައިން އަކީ "ލާފް މޯ، ވޮރީ ލެސް" އެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު އޮލިމްޕަސް ސިނަމާއަށް މި ފިލްމު ގެންނަން ތާވަލްކުރި ނަމަވެސް ފިލްމު ދައްކާ ވަކި ތާރީހެއް އިއުލާންކޮށްފައެއްނުވެއެވެ.