ކީތިރީ ޤުރުއާން އަންދާ އިސްލާމް ދީނަށް ތައުހީން ކުރާ މައްސަލައިގައި ސްވިޑަން އަށް ނޭޓޯގެ މްންބަރުކަން ދޭން ޝަތުރު ހަމަނުވާކަމަށް ބުނަމުން އައި ތުރުކީން ސްވިޑަން އަށް މެންބަރުކަން ދޭން އެއްބަސްވެއްޖެއެވެ.

މިހާތަނަށް ސްވިޑަން އަށް މެންބަރުކަން ނުލިބި އޮތީ ތުރުކީން އެއްބަސް ނުވެގެންނެވެ. ނޭޓޯގެ ޗާޓާ އޮންނަ ގޮތުން އެ ޖަމާއަތުގެ އެއްވެސް މެންބަރަކު އިއުތިރާޒު ކުރާނަމަ އިތުރު ގައުމަކަށް މެންބަރުކަމެއް ނުދެވޭނެއެވެ.

ތުރުކީވެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން އަކީ، ސްވިޑަން އަން މެންބަރުކަން ދިނުމާ ފާޅުގައި ކުރިން ދެކޮޅު ހެއްދެވި ބޭފުޅެއް ނަމަވެސް މިއަދު ވިދާޅުވީ، ސްވިޑަން އަށް މެންބަރުކަން ދިނުމާ ގުޅޭ މައްސަލަ ތުރުކީގެ ކެބިނެޓަށް ހުށަހަޅުއްވާނެ ކަމަަށެވެ.

ތުރުކީގެ އެ ނިންމުމަށް ސަވިޑަން އާއި އެމެރިކާއިން މަރުހަބާ ކިޔާ ބުނެފައި ވަނީ މިއަދަކީ ސްވިޑަން އަށް އުފާވެރި ދުވަހެއް ކަމަށެވެ.

"ޔޫރޯ އެޓްލާންޓިކް ސަރަހައްދުގެ ދިފާއު ވަރުގަދަ ކުރުމަށް ތުރުކީ އާ ގުޅިގެން އެމެރިކާއިން މަސައްކަތް ކުރަން މިހާރު ތައްޔާރު، އަދި ނޭޓޯގެ 32 ވަނަ މެންބަރުގެ ގޮތުގައި ސްވިޑަން އަށް މަރުހަބާ ކިޔަން"
ބައިޑަން

ތުރުކީން ސްވިޑަން ބަލައިގަންކަން އިއުލާން ކުރީ މިހާރު ލިތުއޭނިއާގައި ކުރިއަށް ދާ ނޭޓޯ ގައުމުތަކުގެ ވެރިންގެ ބައްދަލުވުގައެވެ. ނަމަވެސް ސްވިޑަންއަށް ނޭޓޯގެ މެންބަރުކަން ލިބޭނީ ތުރުކީގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާ މައްސަލަ ފާސްވުމުންނެވެ.

ކީރިތި ޤުރުއާން އަންދާ، އިސްލާމް ދީނަށް ތައުހީން ކުރާ މައްސަލައިގެ އިތުރުން ތުރުކީން ސްވިޑަން އާ ނުރުހޭ އެހެން ބޮޑު މައްސަލައެއްވެސް އޮވެއެވެ. އެއީ، ތުރުކީގެ މިހާރުގެ ސަރުކާރާ ދެކޮޅު ކުރުދިސްތާން ވީކާސް ޕާޓީގެ މެންބަރުންނަށް ސްވިޑަން އިން ހިމާޔަތް ދިނުމާއި އެ ޕާޓީގެ ހަރަކާތްތައް ސްވިޑަންގައި ފުޅާ ކުރުމަށް ފުރުސަތު ދީފައި އޮތުމެވެ. މި މައްސަލަ ހައްލު ކުރުމުގައި ތުރުކީން ހުށަހަޅާ ކަންކަން ކުރުމަށް ސްވިޑަން އިން މިހާތަނަށް ދެކޮޅު ހަދަމުން އައި ނަމަވެސް މިހާރު ވަނީ ގާނޫނީ އޮނިގަނޑުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއެކު ޓެރަރިޒަމާ ދެކޮޅަށް ހިންގާ ހަރަކާތްތައް ފުޅާކޮށް ކުރުދިސްތާން ޕާޓީއާ ދެކޮޅަށް ފިޔަވަޅުތައް އަޅަން ފަށާފައެވެ.

ތުރުކީގެ އިތުރުން ސްވިޑަން އަށް ރުހުން ނުދީ މިހާތަނަށް އޮތް، ހަންގޭރީން ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް މައްސަލަ ހުށަހަޅާ ރުހުން ހޯދާފައެވެ. ދެން އެގައުމުން ހަމަޖައްސާލަން ޖެހެނީ ބައެއް ޓެކަނިކަން ކަންކަމެވެ.

ނޭޓޯގެ ބާރު ގަދަ ކުރަމުން ދާ މިދަނޑިވަޅުގައި ޔޫކްރައިން އަށް ވެސް މެންބަރުކަން ދިނުމުގެ މަޝްވަރާތައް ދަނީ ކުރިއަށެވެ. ނަމަވެސް އެމެރިކާއިން ބުނެފައި ވަނީ ޔޫކްރައިން އަށް މެންބަރުކަން ލިބޭނީ މިހާރު ކުރަމުން ދާ ރަޝިއާ ޔޫކްރައިން ހަނގުރާމަ ނިމިގެން ކަމަށާއި ފުރިހަމަވާން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށެވެ.