ހއ. އިހަވަންދޫއާ ކައިރީގައި އޮންނަ ދިގުފަރު ހިއްކައި އިގްތިސޯދީ މަސައްކަތަށް ބިން ކަނޑައަޅައިދޭނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރޭ އިހަވަންދޫގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އިހަވަންދޫގައި ސިނާއީ މަސައްކަތް ކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަވެގެން ދިޔަ ކަމަށާއި އިހަވަންދޫ ކައިރީގައި އޮތް ދިގުފަރު ހިއްކާ އެތަނަށް އިގްތިސޯދީ މަސައްކަތް ކުރުމަށް ބިން ކަނޑައަޅާނެ ކަމަށެވެ. އަދި އޭގެ ތެރޭގައި އިހަވަންދޫ ވަށައިގެން ހުރި ހުރިހާ ދޯނި ފަހަރު ބަންނަ ތަނަކާއި ކުނިގޮނޑާއެކު ބަދަލުކޮށް، އިހަވަންދޫއަށް ޖެހިފައި އޮތް މުސީބާތުން ސަލާމަތްކޮށްދޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ދިގުފަރަށް ބަދަލު ކުރެވޭ ތަންތަން ހުސްވުމުން، އެތަންތަނުގައި ގެސްޓްހައުސް ހެދޭނެ ކަމަށާއި އެ ސަރަހައްދަކީ ގެސްޓް ހައުސް އަޅާ، ޒުވާނުންނަށް ތަޅުދަނޑި ހަވާލު ކުރެވޭ ތަންތަނަށް ކައުންސިލާ ގުޅިގެން އެތަންތަން ހަދާނެ ކަމަށެވެ.

އިހަވަންދޫގައި ރީތި އިސްލާމީ ސެންޓަރެއްވެސް ބިނާ ކޮށްދެއްވާނެ ކަމަށާއި މާލެ އެކޭ އެއްވަރަށް ފެނާއި ކަރަންޓުގެ އަގުތައް އެއް ހަމައަށް ގެންނަން ޖެހޭކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ވިސްނުމަކީ އެންމެ ނިކަމެތިކޮށް އުޅޭ މީހުންނަށް އަދިވެސް ލުއިތަކެއް ދިނުން ކަމަށެވެ.

ނާޒިމް ވިދާޅުވީ އިހަވަންދޫ މަގުތައް ހެދުމުގެ މަަސައްކަތް އާރްޑީސީއާ ހަވާލު ކުރި ނަމަވެސް، އެ މަސައްކަތްތައް ކުރެވެމުންދާ މަންޒަރު ފެނިގެން ނުދާ ކަމަށާއި ނާޒިމްގެ ސަރުކާރެއްގައި އިހަވަންދޫގެ މަގުތަކުގައި ފުރިހަމައަށް ތާރުއަޅާ، ޒަމާނީ ފެންވަރަށް ހަދައިދޭނެ ކަމަށެވެ. އަދި ގޯތި ނޫނީ ގެވަޅު ލިބިފައިވާ މީހަކު ބޭންކަށް ދިއުމުން، ލުއި ގޮތަކަށް އެ ގެ ހެދޭނެ ހަމަޖައްސާދޭނެ ކަަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ ސަރުކާރެއްގައި އިހަވަންދޫގެ ބޭންކިން ނިޒާމް ވަރުގަދަކޮށް، ވަރުގަދަ ބޭންކެެއް އަޅާނެ ކަަމަށްވެސް ވިދާޅުވިއެވެ. އަދި އިހަވަންދޫ ސިއްހީ ނިޒާމްވެސް ހުރީ ސަރުކާރުތަކުން ލަދުގަންނަން ޖެހޭ ހިސާބުގައި ކަމަށާއި އިހަވަންދޫގައި ޓާޝަރީ ހޮސްޕިޓަލެއް އަޅާފައި ދައްކާނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އިހަވަންދޫ ސްކޫލް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް ކްލާސް ރޫމްތައް އެޅުމާއި ހޯލްތައް އެޅުމާއި ކޮލެޖް ޔުނިވާސިޓީގެ ފެންވަރަށް ބަދަލު ކުރާނެ ކަމަށެވެ.