މިނިވަން ދުވަހާ ގުޅުވާ ހުޅުމާލޭގައި ހުޅުވާ 'މިނިވަން އުފާ ކާނިވާ' ގެ ސްޓޭޖް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ އެ ކާނިވަލަކީ އެ މިނިސްޓްރީއާއި އާބަންކޯ ގުޅިގެން އިންތިޒާމް ކުރާ ކާނިވަލެއް ކަމަށެވެ. 28 ޖުލައި އިން 4 އޮގަސްޓަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކާނިވަލުގައި ސްޓޭޖް ހަރަކާތްތަކުގައި ބޮޑުބެރާއި ސަގާފީ ތަފާތު ކުޅިވަރުތަކާއި، ޒަމާނީ މިޔުޒިކާއި ނެށުމުގެ ހަރަކާތްތަކުގެ އިތުރުން ވަކިވަކި ފަންނާނުންގެ މުނިފޫހިފިލުވުމުގެ ތަފާތު ހުނަރުތައް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެ ކާނިވަލުގައި މުނިފޫހި ފިލުވުމާއި ކުޅިވަރުތަކުގެ ސްޓޯލްތައް ހިންގުމަށް ޝައުގުވެރިވާ 20 ފަރާތަކަށް ބައިވެރިވުމަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެ ކުޅިވަރުތަކުގެ ތެރޭގައި ރިންގް ޓޮސް (އަމާޒަށް ބޮޅު އެއްލުން)، ޑަކް ޕޮންޑް (ރަބަރު އަސްދޫނި ފެންގަނޑު) ބެލޫން ޕޮޕް (ޑާޓު އުކާ ފުއްޕާހަން ފެޅުން)، ހޫޕްލާ އުކުން، ބީން ބޭގް ޓޮސް (އަމާޒަށް ބީން ބޭގް އުކުން)، ބޯޅަ ފަދަ ތަކެތި އުކާ ކާށި ވެއްޓުން. ވީލް އޮފް ފޯޗިއުން (ބުރު އަނބުރާލުން)، އަދި ހައި ސްޓްރައިކާ (މަރުތެޔޮއަކުން ޖަހާ ބެލް ޖެހުން) ފަދަ ހަރަކާތްތައް ހިންގާނެ ފަރާތްތައް ހޯދުމަށް ވަނީ އިއުލާން ކޮށްފައެވެ. މިއިން ކޮންމެ ހަރަކާތަކީ ވެސް އެ ހަރަކާތް ފުރިހަަކޮށްގެން ހަދިޔާ ލިބޭ ހަރަކާތްތަކެވެ.

ސްޓޯލްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާ ގޮތުގެ ތަފްސީލް ހާމަ ކުރަމުން ހޯމް މިނިސްޓްރީން ބުނީ، ސްޓޯލަށް ބޭނުންވާ ޖާގަ "މިނިވަން އުފާ ކާނިވާ" ގެ ތީމާ އެއްގޮތަށް ޒީނަތްތެރިކޮށް އާބަންކޯއިން ސްޓޯލް ހިންގާ ފަރާތްތަކަށް ސްޓޯލް ފޯރުކޮށްދޭނެ ކަމަށެވެ. ސްޓޯލްތަކުން ހިންގާ ކުޅިވަރާއި، ކުޅިވަރު ހަރަކާތުގެ ސެޓަަޕް އެ ސްޓޯލެއް ހިންގާ ފަރާތަކުން ކުރިއަށް ގެންދަން ވާނެ ކަމަށެވެ.

އަދި ސްޓޯލްތަކުން ހަދިޔާއެއް ބަހާނަމަ އެ ހަދިޔާ އެއް ހަމަޖައްސަން ވާނީ އެ ސްޓޯލެއް ހިންގާ ފަރާތަކުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ކާނިވާ ކުރިއަށް ދާއިރު އެ މުއްދަތުގައި ސްޓޯލްތަކާ ހަވާލުވާ ފަރާތްތަކުން އެ ސްޓޯލްތައް ކާނިވާ ނިމެންދެން ބަރާބަރަށް ކާނިވާ ކުރިއަށްދާ ހުރިހާ ވަގުތަކު ކުރިއަށް ގެންދަން ވާނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

ސްޓޭޖް ހަރަކާތްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ތައްޔާރު ކުރުމަށް ފަހު މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ހޯމް މިނިސްޓްރީގެ މެއިލް އަށް މެއިލް ކުރުމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ސްޓޯލްތައް ހިންގަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ޕްރޮޕޯސަލް މެއިލް ކުރުމަށް އެ މިނިސްޓްރީން ބުނެއެވެ.

މިއީ މި ފަހުގެ ތާރީހެއްގައި މިނިވަން ދުވަހާ ގުޅުވާ މިފަދަ ކާނިވަލެއް ހުޅުވާ ފުރަތަމަ ފަހަރެވެ.