މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވުމަށް ތާވަލުކުރި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޝަރަފުގެ ޕެރޭޑާއި ރޫޓް މާޗް، މޫސުން ތަން ނުދިނުމުގެ ސަބަބުން އަންނަ ބުރާސްފަތި ދުވަހަށް ފަސްކޮށްފިއެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި މައިދާނީ ކުޅިވަރުގެ ކުލަގަދަ ހަރަކާތްތަކުގެ ތެރެއިން ސިފައިންނާއި، ގައުމީ ކެޑޭޓް ކޯގެ ޝަރަފުގެ ހިނގާލުމުގައި ސިފައިންގެ އެކި ދާއިރާތަކުގެ އިތުރުން މާލޭގެ 15 ސްކޫލަކުން ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ގިނަ އާންމުންނަށް ދައްކާލުމަށް މިއަދުވެސް މި ޕެރޭޑް ކުރިއަށް ގެންދިއުމަށް މީގެ ކުރިން އޮތީ ތާވަލުކުރެވިފައެވެ.

މިއަދު ހަވީރު ބޭއްވުމަށް ނިންމި މި ހަރަކާތް ކުރިއަށް ނުގެންދެވުނީ މާލެ ސަރަހައްދަށް މިއަދު ކުރި ވިއްސާރައިގެ ސަބަބުންނެވެ. އެހެންކަމުން، އާންމުންނަށް މި ހަރަކާތް ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން، މި މަހުގެ 29 ވާ ބުރާސްފަތި ދުވަހު ހުޅުމާލޭގައި ޕެރޭޑް ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު 4:30 ގައި ހުޅުމާލޭގައި ޕެރޭޑް ފެށުމަށް ހަމަޖެހިފައިވާއިރު، މި ޕެރޭޑް ކުރިއަށްދާ ވަގުތު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް މަޑުކޮށް، ސިފައިންގެ ބޭންޑުގެ ހިތްގައިމު ރާގުތަކާއި ހަރަކާތްތައް އާންމުންނަށް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މިނިވަން ދުވަހުގެ ކުލަގަދަ ހަރަކާތްތަކުގެ ތެރެއިން އެމްއެންޑީއެފްގެ ޕެރޭޑަކީ ކޮންމެ އަހަރަކުވެސް ދިވެހި ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު އަދި އެންމެ ގިނަ ބަޔަކު ބަލާލަން ނިކުންނަ އެއް ހަރަކާތެވެ.