ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ އަސްކަރީ ހިނގާލުން، މާދަމާ ހަވީރު ހުޅުމާލޭގެ ސިންތެޓިކް ދުވާ ޓްރެކުން ފެށިގެން ސިފްކޯ ފުލެޓްތައް ހުންނަ ސަރަހައްދާ ދެމެދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އެމްއެންޑީއެފުން އިއުލާންކޮށްފިއެވެ.
އެމްއެންޑީއެފް އިން ބުނީ މާދަމާ ހަވީރު 16:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި އަސްކަރީ ހިނގާލުމުގައި، އެމްއެންޑީއެފް ބޭންޑާ އެކު ޖުމްލަ ހަ ގެމަ ބައިވެރިވާނެކަމަށެވެ. މި ހިނގާލުމަކީ ސިފައިންގެ ބަދަހިކަމާއި، އެމްއެންޑީއެފްގެ އެކި ކޯތަކާއި ތަފާތު ދާއިރާތަކުގެ ހިދުމަތްތައް އާންމުންނަށް ދައްކާލުމަށް ބާއްވާ ހަރަކާތެކެވެ.
ހުޅުމާލޭގައި ކުރިއަށް ގެންދާ މި މަގުމަތީ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރިންނެވެ. މި ހިނގާލުމުގެ ތެރެއިން ދެ ސަރަހައްދަކަށް މަޑުކޮށް، މިލިޓަރީ ބޭންޑުން ރާގު ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ސަރަހައްދުތަކަކީ:
- ސެންޓްރަލް ޕާކް ސަރަހައްދު (ހިތިގަސްމަގާއި ހުވަނދުމާހިނގުން ގުޅޭ ކަންމަތި)
- ސިފްކޯ ފުލެޓް ސަރަހައްދު (ރީތިގަސްމަގާއި އަސުރުމާހިނގުން ގުޅޭ ކަންމަތި)
މި އަސްކަރީ ހިނގާލުމަކީ މިނިވަން ދުވަހުގެ އުފަލުގައި ރައްޔިތުން ބައިވެރިކުރުވުމަށާއި، ގައުމީ ރޫހު އާލާކުރުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް ބަލާލުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ.
