ދާދި ފަހުން އުފެއްދި "ދަ ޑިމޮކްރެޓްސް" ޕާޓީ އިން އެޕާޓިގެ މެންބަރުންނާއެކު ގާނޫނު އަސާސީއަށް ގެންނަން ފެންނަ ނިޒާމީ ބަދަލުތަކާ ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
އެ ޕާޓީން ބުނީ، މި ބައްދަލުވުމުން ކުރިއަށް ދާނީ ޑިމޮކްރެޓްސްގެ ރަސްމީ ހަރުގެ ކަމަށް ވާ "ދަ ހައުސް އޮފް ޑިމޮކްރެޓްސް" ގައި މިރޭ 8:15 ގައި ކަމަށެވެ. އަދި މި ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
ރޭ އެ ޕާޓީގެ ރަސްމީ ހަރުގެ ހުޅުވާފައިވާ އިރު، އެ ޖަލްސާގައި ވެސް ރައީސް ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ މުޅި ދިވެހިރާއްޖެ ހައްލު ކުރުމުގެ މަގަށް ގެންނާނެ ސިޔާސަތުތަކާ އެކު ޑިމޮކްރެޓްސް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ދިވެހިން އަބަދުވެސް ކަންބޮޑުވެ ތިބެނީ އެމީހުންގެ އާންމު ހާލަތު ރަނގަޅު ކުރާނެ ގޮތްތަކެއް ހޯދަން ކަމަށާއި، މިއަށް ވުރެ ރަނގަޅު އެއްޗެއް މާދަމާ ލިބޭނޭ ސިޔާސަތުތަކެއް ތަންފީޒްކޮށް ދޭނެ ސަރުކާރެއް އެމީހުން ހޯދަން ބޭނުންވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރާނެ ސަރުކާރެއް ބޭނުންވާ ކަމަށާއި ޑިމިކްރެޓުން ނިކުންނާނީ މި ރާއްޖެއިން އެދޭ އެތައް ކަމެއް ފުއްދައި ދިނުމަށް ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ. އެ ޕާޓީއަކީ އެޕާޓީއަށް ވޯޓު ދޭ މީހުންނާއި އެމީހުންގެ އާއިލާތަކުގެ ބޭނުންތައް ފުރިހަމަ ކޮށްދޭނެ ސިޔާސަތުތަކަކާއެކު ނިކުންނަން ތައްޔާރަށް އޮތް ޕާޓީއެއް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ދަ ޑިމޮކްރެޓްސް އަކީ ހިނގަމުން ދާ އެމްޑީޕީގެ ވެރިކަމުގައި ސަރުކާރާ ހިޔާލުތަފާތު ވެ އޭގެ ތެރެއިން ވަކިވި ރައީސް ނަޝީދަށް ތާއީދު ކުރާ މެންބަރުން ހަރަކާތްތެރިވާ ޕާޓީއެކެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތް ވާ ރައްްޔިތުންގެ މަޖިލީހުގެ 14 މެންބަރަކު ޕާޓީން ވަކިވެފައިވާ އިރު ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ވަނީ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައެވެ. އެގޮތުން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވި ބައެއް ބޭފުޅުން ވަނީ މަގާމުތަކުން ވަކިކޮށްފައެވެ.