ދެ ހަފުތާގެ ބޮޑު ބަންދަކަށް ފަހު މިއަދު މަސައްކަތަށް ނުކުންނަށް އަންގާފައި އޮތް ނަމަވެސް މުސާރަ ނުދޭތީ އެފްއޭއެމްގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެ ގޭގައި މަޑުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުވައްޒަފުންނަށް މުސާރަ ނުދީ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ނަމަވެސް އެފްއޭއެމްއިން ވަނީ އެކަންދޮގުކޮށް މިދިޔަ ހަފުތާގައި އޮފީސް ބަންދު ކުރުމާ، މުވައްޒަފުންގެ މުސާރައާ ގުޅުމެއް ނެތް ކަމަށް ބުނެފައެވެ.

އީދު ބަންދާ ގުޅިގެން އެފްއޭއެމްގެ މުވައްޒަފުންނަށް މިދިޔަ މަހުގެ 23 ފެށިގެން އިއްޔެގެ ނިޔަލަށް ބަންދެވެ. ނަމަވެސް މިއަދު ވެސް އެ އެސޯސިއޭޝަންގެ ގިނަ މުވައްޒަފުން އޮފީހަށް ނުކުމެފައެއް ނުވެއެވެ.އެފްއޭއެމްގެ އިދާރީ މުވައްޒަފުންގެ އިތުރުން ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމާ އެކު ދިޔަ ކޯޗިން ސްޓާފުންނަށް އަދި ގައުމީ ޓީމުގެ ބައެއް ކުޅުންތެރިނަށްވެސް މުސާރަ ނުލިބޭ މައްސަލަ ވަނީ ފެންމަތިވެފައެވެ.