ރިޔާސީ ކެމްޕެއިންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ށ. ފޯކައިދޫއަށް ވަޑައިގެން އިރު އެ ރަށުގައި ޕީޕީއެމް އަށް ސަޕޯޓް ކުރާ މީހުން ނިކުމެ އިހްތިޖާޖް ކުރަން ފަށައިފިއެވެ.

އިހްތިޖާޖުގެ ބައިވެރިން އަންނަނީ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ކޮށްފައި ވާ ހުކުމް ބާތިލްކޮށް އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލަމުންނެވެ. އަދި ރާއްޖޭގެ ކަނޑު ވިއްކާލި ކަމަށް ބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދެއްވުމަށް ވެސް އިހްތިޖާޖުގެ ބައިވެރިން އަންނަނީ ގޮވާލަމުންނެވެ.

ރައީސް ސޯލިހް އެ ރަށަށް ވަޑައިގެންއިރު އިހްތިޖާޖުގެ ބައިވެރިން ވަނީ ބެނާތަކާއި ނަންބޯޑުތަކާއެކު ޕީޕީއެމްގެ ލޯގޯ ޖަހާފައިވާ ދިދަތައް ހިފައިގެން އެ ސަރަހައްދަށް ގޮސްފައެވެ. އަދި އަޑުގަދަކޮށް އިހްތިޖާޖުގެ ބައިވެރިންގެ ޝުއޫރުތައް ދިޔައީ އިްވަމުންނެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުމަށްޓަކައި ށ. އަތޮޅަށް ވަޑައިގެން ރައީސް ކެމްޕެއިން ފައްޓަވާފައިވާ އިރު، މިއަދު އެމަނިކުފާނު ވަނީ ށ. ކޮމަންޑޫ، މަރޮށި، ށ. ނޫމަރާއަށް ވެސް ވަޑަިއގެންފައެވެ.

ޕްރައިމަރީގައި ރައީސް ސޯލިހް ވާދަކުރެއްވި އިރު ވެސް ކުރި ކެމްޕެއިން ދަތުރު ތަކުގައި ވެސް ރަށްރަށުން ބައެއް އިދިކޮޅު ސަޕޯޓަރުން ވަނީ ނިކުމެ އިހްތިޖާޖުތައް ކޮށްފައެވެ.