މާލެ މީހުންނަށް ގޯތި ދިނުމަށް މި ސަރުކާރުން ހިންގާ "ބިންވެރިޔާ" ސްކީމްގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުމުގެ ފުރުސަތު އޮތް ފަރާތްތަކުން ފޯމު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ޕްލޭނިން މިނިސްޓްރީ އިން ބުނީ ވަގުތީ ލިސްޓުގައި ހިމެނޭ ”ޝަރުތުހަމަވެ، ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" ފަރާތްތަކުން "ގޯތި ލިބޭ" ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކާ ޖޮއިންޓް ވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ވަގުތީ ލިސްޓުގައި ގޯތި ލިބޭ ސްޓޭޓަސްގައި ނުހިމެނޭ ފަރާތަކުން ”ގޯތި ލިބޭ“ ސްޓޭޓަސްގައި ހިމެނޭ ފޯމުގެ ލީޑިން އެޕްލިކަންޓަށް ރިކުއެސްޓް ފޮނުވޭނެ އިންތިޒާމް ޕޯޓަލްގައި މިހާރު ހަމަޖެހިފައިވާ ކަމަށާއި ޖޮއިންޓްވާން ރިކްއެސްޓް ފޮނުވާ ފަރާތަކީ ގޯތިލިބޭ ފޯމުގެ ލީޑިން އެޕްލިކަންޓާއި ބިންވެރިޔާ އުސޫލުގެ ޖޮއިންޓް ވުމުގެ ޝަރުތުހަމަވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުނެއެވެ.

ޖޮއިންޓް ވުމަށް ހުށަހަޅާ ފޯމް ބަލައިގަންނާނީ ޖޮއިންޓްވާން ހުށަހަޅާ ފަރާތުގެ ރިކުއެސްޓް ގޯތި ލިބިފައިވާ ފަރާތުން ގަބޫލު ކުރުމުން ކަމަށް ވެސް ޕްލޭނިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވެވޭނީ އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓަރީ ވެފައި އޮންނަ ގޯތީގެ ބެލެނިވެރިން (ޓައިޓްލް ހޯލްޑާސް)، މަންމަ، ބައްޕަ، ދެމަފިރިން، ދަރިނ،ް އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހުންނަށެވެ.

ބިން ވެރިޔާ ސްކީމްގައި މީގެ ކުރިން 5000 ގޯތި ދޭން ނިންމާފައި ވީ ނަމަވެސް މިހާރު 6200 ގޯތި ދޭން ނިންމާފައިވާ ކަން ރައީސް ވަނީ އިއުލާން ކުރައްވާފައެވެ. މީގެ އިތުރުން ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ގޯތި ލިބޭ ފަރާތްތަކަށް އަންނަ އޮގަސްޓް މަހުގެ ތެރޭގައި ގޯތި ދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޖުމްލަ 23،088 ފަރާތަކުން ފޯމް ހުށަހަޅާފައިވާ ބިންވެރިޔާ ސްކީމްގައި ޝަރުތު ހަމަވާ ފަރާތްތަކަށް ގޯތި ދޭނެ ކަމަށާއި އެ މަޝްރޫއު ނިމޭ އިރު އެ ސްކީމަށް ފޯމް ލައި ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ދޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.