ވެރިކަން ހޯދުމަށްޓަކައި މަސައްކަތް ކުރުމަކީ އެވަގުތަކު އިދިކޮޅުގައި ތިބޭ ބަޔަކު ކުރަން ޖެހޭ ކަމެކެވެ. އެއިރެއްގައި އޮންނަ ސަރުކާރަކުން ވެފައިވާ ވައުދުތައް އެދެވޭ ގޮތެއްގައި ފުއްދައި ދިނަސް އަދި ނުދެވުނަސް ވެރިކަން ހޯދުމުގެ ވާހަކަ އިދިކޮޅުން ދައްކަން ޖެހެއެވެ. އެއީ އިދިކޮޅުގެ ޒިންމާއެކެވެ.
ނަމަވެސް ފުރަތަމަ ޒިންމާއަކީ އެވަގުތަކު އޮންނަ ސަރުކާރެއް ޖަވާބުދާރީ ކުރުވުން ކަމުގައި ވާ އިރު ދައުލަތުގެ ބަޖެޓުން ބޮދެތި އަދަދުތަކުން ފައިސާ ނަގައިގެން ތިބެ ޕާޓީތަކުން އެ ޒިންމާ އެއްކައިރި ކޮށް ފަލި ޖަހަނީ ވެރިކަން ވައްޓާލުމަށެވެ.
'މަށަށް ވެރިކަން، މަށަށް ވެރިކަން' ކިޔަމުން އެއް ޕާޓީގެ މޭޒުދޮށުން އަނެއް ޕާޓީގެ މޭޒު ދޮށުން ހިނގަމުން ދާ އިރު، ނަގާ ފައިސާ އާ އެއްވަރަށް ގައުމުގައި ހުރި އިގުތިސޯދީ، އިޖުތިމާއީ، ސިއްހީ، ތައުލީމީ، ސިޔާސީ މައްސަލަތަކަށް ހައްލު ހޯދަން އުޅޭތީއެއް ނުފެނެއެވެ.
ތަކެތީގެ އަގުތައް އުފުލި، އިންފްލޭޝަން މަތިވެ، އާންމު ރައްޔިތު މީހާ ކުރަން ޖެހޭ ހޭދަ ޑަބަލްވެގެން ދިޔަ އިރު، އެކަމަށް ދޭނެ ފަރުވާއެއް ޕާޓީތަކުން ނުގެނެއެވެ. ސިޔާސީ ހަލަބޮލި ކަމުގައި ދޭދޭ ފަރުދުންނާއި ވަކިވަކި މުޖުތަމައުތަކުގެ ތެރޭގައި އުފެދި ފުޅާވަމުން ގޮސްފައި ވާ އިޖުތިމާއީ މައްސަލަތައް ހައްލުކުރާން މަސައްކަތެއް ނުކުރެއެވެ. ދައުލަތުގެ ބަޖެޓުގައި ބޮޑު އަދަދެއް ހިމަނާފައި އޮތް ސިއްހީ ދާއިރާއަށް ހެޔޮ ބަދަލެއް ގެނައުމުގައި އެތެރެއިންނާއި ބޭރުން ސަރުކާރަށް ޕްރެޝަރު ކުރާތީއެއް ނުފެނެއެވެ. ތައުލީމީ ނިޒާމުގައި ފާސްނުވާ ދަރިވަރުންގެ އަދަދުތައް މަތިވެގެން ދާ އިރު އެކަމާ މެދު ވާހަކަ ދައްކާ ކަންބޮޑުވުމެއް އޮތްކަން ހާމައެއް ނުކުރެއެވެ. ސިޔާސީ ނުފޫޒާއި ބާރުގެ ތެރެއިން ބޭނުމެއް ނެތް އެތައް ވަޒީފާތަކެއް އުފައްދައި ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑެތި ހޭދަތައް ހިނގަމުން ދާ އިރު އެކަން ހައްލު ކުރާން ކުރާ ކަމެއްވެސް ނުފެނެއެވެ.
ވެރިކަން ދެނިދާނެ، ދެން؟
ކޮންމެ 5 އަހަރަކުން ވެރިކަން ބަދަލު ކުރުމުގެ ވިސްނުމެއްގައި ސިޔާސީ ޕާޓީތަކުން ނިކުންނަނީ އެކަކަށް ވުރެ މޮޅަށް އަނެކަމު ވެރިކަން ކުރާން ވައުދުވެގެންނެވެ. ނަމަވެސް ފެންނާން އޮތް ހަގީގަތަކީ، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއްގެ ތެރޭގައިވެސް ތިބީ، ހިނގަމުން ދާ ނިޒާމުގެ ތެރޭގައި ކަސްތޮޅު އެޅިފައި ތިބި ބައެއް ކަމާއި، ސަރުކާރުގެ ޕްރޮޖެކްޓްތަކާއި އެނޫންވެސް މަންފާތައް ހޯދަމުން ދާ ބައެއް ކަމެވެ. އެއީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެކިއެކި ފަރާތްތަކާ ގުޅި ތަފާތު މަޝްރޫއުތަކާއި މަންފާތައް ލިބެމުން ދާ އަދި ހޯދަމުން ދާ ބައެއް ކަމެވެ. ދެން އެމީހަކު ނުވަތަ އެބަޔަކު ވެރިކަމަށް އައިސް ކުރާނޭ ވަކި އާ ކަމެއް އެބައޮތްހެއްޔެވެ. ސިއްޓަމާއި ނިޒާމު ހަމަ މަގަށް އަޅުވަން ދައްކާ ކޮންމެ ވާހަކައެއް ގޮސް ހުއްޓެނީ ތިމާއާއި ތިމާގެ ޕާޓީއަށް ލިބޭނެ މަންފާއަކާ ހަމައިގައި ނޫންހެއްޔެވެ؟ ވެރިކަމަށް އައުމަށް ވާ ވައުދު ނުފުއްދެނީ، ތިމާގެ އާރުކާޓީއަށް ބައި އަޅަން ޖެހި އެހެން މީހަކަށް ދޭނެ އެއްޗެއް ނޯންނާތީ ނޫންހެއްޔެވެ؟
ހިނގަމުން ދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެވަޑައިގެންފައި ވާ ވައުދުފުޅުތަައް ވެސް ރަނުން ރަނަށް ނުފުއްދިގެން އުޅެނީ އެސަބަބާ ހުރެއެވެ. ނަމަވެސް ހިސާބު އަދަދުތަކުން ބަލާ އިރު، ހިނގަމުން ދާ ސަރުކާރަކީ މީގެ ކުރީގެ އެއްވެސް ސަރުކާރެއްގައި ނުހިންގާހާ ގިނަ މަޝްރޫއުތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ފަށާފައި ވާ ސަރުކާރެކެވެ. ލޯނު އެހީއާއި ދައުލަތުގެ މާލިއްޔާއިން ހަރަދުކޮށްގެން އެތައް އެތައް މަޝްރޫއެއް އަތޮޅުތެރޭގައި ހިންގަމުން އެބަގެންދެއެވެ. ނިމެމުން އެބަދެއެވެ. އެތައް އިމާރާތެއް އަޅާއި، ބަނދަރާއި ފެނާއި ނަރުދަމާއާއި އުމްރާނީ ތަރައްގީގެ ކުޑަ ބޮޑު އެތައް ކަމެއް ނިމިއްޖެއެވެ. ހަމަ އެއާއެކު ބަޖެޓަސް ނުކަތާ ވަރަށް ވަޒީފާ އުފައްދާ ވާހަކައަކީ ވެސް ނުދައްކާ ދޫކޮށްލެވެން އޮތް ވާހަކައެއް ނޫނެވެ. އެކިއެކި ދާއިރާތަކުގެ އެމްޕީންނާއި އެކިއެކި ދާއިރާތަކުގެ ޕާޓީ މެންބަރުންނަށް ވަޒީފާ ދެމުން ގެންދަނީ އެ ދާއިރާތަކަށް ބޭނުން ނުވާހާ ގިނައިންކަން ވެސް ފާހަގަ ކުރަމެވެ.
ސިޔާސީ މަޝްވަރާތައް
ވެރިކަން ވައްޓާލުމަށްޓަކައި، ނުވަތަ ވެރިކަން ބޭނުންވެގެން ސިޔާސީ ލީޑަރުން އުފަން ކުރުވާ ކަންކަމުގެ ތެރޭގައި ގުނބޯ ހެދެނީ ރައްޔިތުންނެވެ. ވެރިކަން ކުރާ އެމްޑީޕީގެ ތެރެއިން އުފަންވި ފިކުރެއް ނިކުމެ ޖޭޕީއާ މަޝްވަރާ ކުރި މާޒީ އަދި ދުރަކަށް ނުދެއެވެ. ދެންމެދެންމެ ދެބައިމީހުން ކޯލިޝަން ހަދާފާނެހެން ހީވި އެތައް ދުވަހެއް ދިޔަ ނަމަވެސް އެ މަޝްވަރާތައް ނިމުނީ ކިހިނެއްހެއްޔެވެ؟ ފިކުރަކީ ބަރުލަމާނީ ފިކުރެކެވެ. ޖޭޕީ އަކީ ރިޔާސީ ތަސައްވުރެކެވެ. ތެލާއި ފެނާ އެކުނުވާހެން އެ ދޭތި އެކުުނުވާނެކަން އެނގި މިއަދު އެއްކުރާން އުޅެނީ ވެސް ހަމަ ބަރުލަމާނީ އާއި ރިޔާސީ ފިކުރެކެވެ. އެއީ ޑިމޮކްރެޓްސް އާއި ޕީޕީއެމްއެވެ.
ދެފަރާތުން 4-5 ބައްދަލުވުން ބާއްވައިފިއެވެ. މަޝްވަރާ އެބަކުރެއެވެ. ވެރިކަން ވައްޓާލުމަށެވެ. ކޮމަން ކެންޑިޑޭޓެއް ނެރުމަށެވެ. ވާނެހެއްޔެވެ؟
ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް އަކީ ބަރުލަމާނީ ފިކުރެއް ކަމަށް ވާއިރު ޕީޕީއެމްއަކީ ރިޔާސީ ފިކުރެކެވެ. ޕީޕީއެމްގެ ލީޑަރުގެ ބަރުލަމާނީ ވިސްނުމެއް ހުރި ނަމަވެސް ރާއްޖެ އޮތް ހާލަތުންނާއި ރާއްޖެއަށް މިވަގުތަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމުކަމަށް ޖަލުގައި ހުންނެވި އެ ޕާޓީގެ ލިޑަރު އޮތީ ވިދާޅުވެފައެވެ. އެހެންވިއްޔާ ޑިމޮކްރެޓްސް އާއި ޕީޕީއެމް ކުރަނީ ކޮން މަޝްވަރާއެއްހެއްޔެވެ؟ ރައީސް ނަޝީދު ބަރުލަމާނީގެ ހިޔާލު ދޫކޮށްލެއްވީހެއްޔެވެ؟ ރައީސް ސޯލިހާ ވަކިވެވަޑައިގެން ފިކުރެއް އުފެއްދެވީ ބަރުލަމާނީ ނުގެނެވިގެން ކަމަށް ވާއިރު، ޕީޕީއެމް އާ ޖެހުނީމައި ބަރުލަމާނީ ދޫކޮށްލެއްވުމަކީ މުޅިން ހަމަޖެހޭ ކަމެއް ނޫންތާއެވެ. ހަމަ އެގޮތަށް ރިޔާސީ ފިކުރެއްގައި އޮތް ޕީޕީއެމްއަށް ބަރުލަމާނީ 'އޯކޭ" ވީހެއްޔެވެ؟ އާންމު ރައްޔިތުން ތިބި ގޮތަށް ބަލާއިރު ޕީޕީއެމް އިން ރައީސް ނަޝީދާ އެއްބައިވެ ބަރުލަމާނީއަށް ދީލާލުމަކީވެސް މުޅިން ހަމަޖެހޭ ކަމެއް ނޫންތާއެވެ. އެހެނީ ރައްޔިތުން ތިބީކީ ބަރުލަމާނީ ގެންނަ ގޮތަކަށް ނޫނެވެ. ދެން ޕީޕީއެމް އާއި ޑިމޮކްރެޓްސް މިކުރާ މަޝްވަރާ ގޮސް ނިމޭނީ ޖެޕީއާއި ފިކުރެއްގެ ދިރުން [ޑިމޮކްރެޓްސް] ގެ މަޝްވަރާ ނިމުނު ހިސާބަށް ނޫންހެއްޔެވެ؟
ނަޝީދު ސްޓްރަޓީޖިކަލީ އަބަދުވެސް ބްލަންޑަރ ހަދާމީހެއްކަން މީގެން މިދޭހަވަނީ ލީޑަރޝިޕްގަ ވ.ވީކްނަސް އެބަހުރީ