ގެއްލުން ބޮޑުކަމުން ދުނިޔޭގެ 100 އެތައް ގައުމެއްގައި މަނާ ކޮށްފައި ވާ ކްލަސްޓާ ބޮން [ބަރިއަކަށް ބޮޑު ސަރަހައްދެއް ގޮއްވާލައި ބޮން] އެމެރިކާއިން ޔޫކްރައިން އަށް ފޮނުވަން ނިންމައިފިއެވެ.
އިންސާނިއްޔަތަށް ލިބޭ ގެއްލުމާއި، ހަނގުރާމައިގެ މައިދާނުގައި ލިބޭ ގެއްލުން ބޮޑު ކަމުން މި ބޮމަކީ ބޭނުން ކުރުން މަނާކޮށްފައި އޮންނަ ބޮމެކެވެ. ނަމަވެސް އެމެރިކާއިން ޔޫކްރައިން އަށް އަލަށް ފޮނުވާ އެހީގެ ޕެކޭޖްގައި މި ބޮން ހިމެނެއެވެ.
އެމެރިކާގެ ސައރުކާރުގެ އެކިއެކި މަސްދަރުތަކާ ހަވާލާދީ އެމެރިކާގެ ނޫސްތަކުގައި ބުނެފައި ވަނީ، ޔޫކްރައިނަށް ފޮނުވާ އެހީގެ އާ ޕެކޭޖްގައި ކްލަސްޓާ ބޮން ހިމެނުމަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެންވެސް ބާރު އަޅުއްވާފައި ވާ ކަމަށެވެ. ނަމަވެސް މިވާހަކަތައް ވައިޓްހައުސްގެ ރަސްމީ އެއްވެސް ބޭފުޅަކު އަދި ހާމަ ކުރައްވާފައެއް ނުވެއެވެ.
ކްލަސްޓާ ބޮމަކީ ބޮޑު ބޮމެއްގެ ތެރޭގައި ކުދިކުދި އެތައް ސަތޭކަ ބޮމެއް ހިމަނާ ހަދާފައި އޮންނަ ބޮމެކެވެ. އެ ބޮން ގޮވާއިރު އޭތެރޭގައި ހުންނަ ކުދިކުދި ބޮންތައް ބުރަބުރައިގެން ގޮސް އެއްފަހަރުން ބޮޑު ސަރަހައްދެއް ހަލާލު ކޮށްލައެވެ. ނުވަތަ އަންދާލައެވެ. އެހެން އެކަން ވެގެން ދާއިރު، ނުގޮވާ ހުންނަ ކުދި ބޮންތައް މާފަހުން ގޮވުމުގެ ފުރުސަތުވެް އޮތުމާއެކު އާންމުންނާއި ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވާ ފައުޖުތަކަށް އެއްފަހަރުން ލިބެ ގެއްލުން ވަރަށް ބޮޑުވެއެވެ. މި ސަބަބާ ހުރެ ދުނިޔޭގެ ގިނަ ގައުމުތަކުން އެ ބޮން އޮންނަނީ މަނާ ކޮށްފައެވެ.
2018 ގައި އދ ގައި އެކުލަވާލި މުއާހަދާއެއްގައި އެ ބޮން މަނާ ކުރުމަށް 120 ގައުމަކުން ސޮއި ކޮށްފައި ވާ އިރު، އޭގެތެރޭގައި ޔޫކްރައިންގެ ހަނގުރާމައިގެ މިހާރުގެ ބައިވެރިން ކަމަށް ވާ ފްރާންސް އާއި އިނގިރޭސިވިލާތްވެސް ހިމެނެއެވެ. އެ މުއާހަދާގައި ޔޫކްރައިން، ރަޝިއާ އަދި އެމެރިކާ ސޮއިކޮށްފައި ނުވި ނަމަވެވެސް 2009 ގައި އެމެރިކާއިން ހެދި ގާނޫނަކުން ކްލަސްޓާ ބޮމެއްގެ 1 ޕަސެންޓްވެސް ނުގޮވާނަމަ އެކްސްޕޯޓް ކުރުމުން އޮންނަނީ މަނާކޮށްފައެވެ. މިއީ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް ކަމަށް ފެނިއްޖެ ނަމަ އެގައުމެއްގެ ރައީސަކަށް ހިފެހެއްޓޭ ގޮތަށް އޮންނަ ގާނޫނެއް ކަމުން، ބައިޑަންގެ ސަރުކާރުން އެމަގަށް ކަންކަން ކުރަން ނިންމާފައި ވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
އެމެރިކާއިން ޔޫކްރައިނަށް ކްލަސްޓާ ބޮން ފޮނުވާ ވާހަކައާ ގުޅިގެން ޓައިމްސް އާ ވާހަކަ ދެއްކި އެމެރިކާގެ އޮފިޝަލަކު ބުނެފައި ވަނީ، މިއީ އެވަގުތު ކަމަށާއި ޔޫކްރައިން ހަނގުރާމައިގައި ކްލަސްޓާ ބޮން ބޭނުން ކުރަން ޖެހޭ ވަގުތު އައިސްފި ކަމަށެވެ.
އެމެރިކާއިން ޔޫކްރައިން އަށް ދޭ އާ އެހީގެ ޕެކޭޖްގައި ހިމާސް ރޮކެޓް ސިސްޓަމާއި ކްލަސްޓާ ބޮމާއި އެނޫންވެސް ހަތިޔާރު ހިމެނޭ އިރު މިއީ 800 މިލިއަން ޑޮލަރުގެ އަގުހުރި ޕެކޭޖެކެވެ.