މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި ހަދާ ބްރިޖް "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ މަސައްކަތުގެ ތެރެއިން ވިލިމާލެ ކޮޅުން އެއްގަމުން ފެށިގެން ކަނޑާ ހަމައަށް ބްރިޖުގެ ތަނބުތައް ޖެހުމަށް ޕްލެޓްފޯމެއް އަޅައިފިއެވެ.

މި ޕްރޮޖެކްޓްގެ އެންމެ ފަހުގެ މައުލޫމާތު 'ދަ ޕްރެސް' އާ ހިއްސާ ކުރައްވަމުން ޕްލޭނިން މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންދާ ބްރިޖު އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ، މިހާރު ވެސް ބްރިޖުގެ މަސައްކަތްތަކުގެ ތެރެއިން އެކި ސަރަހައްދުތަކުގައި ކަނޑުގައި ތަނބުތައް ޖެހުމަށް ޕައިލްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އެ ގޮތުން ވިލިމާލެ ސަރަހައްދު ކަނޑުގައި ތަނބުތައް ޖެހުމަށް އެއްގަމުން ފެީށގެން ކަނޑާ ހަމައަށް ޕްލެޓްފޯމެއް އަޅައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޖިނާން ވިދާޅުވިއެވެ.

ވިލިމާލޭގައި އަޅާފައިވާ ޕްލެޓްފޯމް މަތީގައި އެފްކޯންސްގެ މުވައްޒަފުން ހަރަކާތްތެރި ވަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅީފަޅު ސަރަހައްދުގައި ވެސް ކުރިއަށް ދަނީ ޕައިލްތައް ޖެހުމުގެ މަސައްކަތް ކަމަށް އަދި އެމަސައްކަތް ވަރަށް ފުރިހަމަ ކަމާ އެކު ކުރިއަށް ދާ ކަމަށް ޖިންނާން ވިދާޅުވިއެވެ. ވިލިމާލޭގެ ކަނޑުގައި ތަނބުތައް ޖެހުމަށް މިހާރު އަޅާފައިވާ ޕްލެޓްފޯމަކީ ބްރިޖުގެ މަސައްކަތް ނިމުމުން ނަގާނެ ޕްލެޓްފޯމެއް ކަމަށް ޖިނާން ވިދާޅުވިއެވެ.

'ދަ ޕްރެސް' ގެ ޓީމުން ވިލިމާލޭގައި ބްރިޖުގެ މަސައްކަތް ކުރާ އެފްކޯންސްގެ ސައިޓަށް ޒިޔާރަތްކޮށް މަސައްކަތް ކުރިއަށް ދާ ގޮތް ވަނީ ބަލާފައެވެ. އެ ސަރަހައްދުގައި ޕްލެޓްފޯމް އަޅައިގެން އޭގެ މަތީގައި ދެ ކެރޭނާ އެކު މަސައްކަތް ކުރަމުން އަންނަ އިރު، އެ ވަގުތީ ޕްލެޓްފޯމްގެ ބޭރުން ވެސް ޕްލެޓްފޯމެއްގެ އެހީގައި ކަނޑުގައި ޕައިލްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ވިލިމާލެ ކަނޑު ސަރަހައްދުގައި ޕްލެޓްފޯމެއްގެ އެހީގައި ކަނޑުގައި ޕައިލްތައް އިންސްޓޯލް ކުރަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ބްރިޖު އަންނަ އަހަރު ނިންމާލެވޭނެ ކަމަށް ދާދި ފަހުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ބްރިޖުގެ މަސައްކަތް ކުރިއަށް ދާ ގޮތުންނާއި ދިމާވަމުންދާ ބައެއް ހާދިސާތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ދާދި ފަހުން ވެސް ބްރިޖް މަޝްރޫއާ ގުޅިގެން އެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައި ވަނީ، ބްރިޖުގެ މަސައްކަތާ ހަވާލުވެފައިވާ އެފްކޮންސްއަކީ ކޯރުތަކުގައި ފާލަން އަޅާ ބައެއް ކަމަށާއި އެ ކުންފުންޏަށް ބްރިޖް އަޅަން ހަވާލު ކޮށްގެން 600 މިލިއަން ޑޮލަރު ވަޔަށް އަރުވާލައިފި ކަމަށެވެ.

ބްރިޖާ ގުޅިގެން އެންމެ ފަހުން ރައީސް ސޯލިހް ދެއްކެވި ވާހަކަ ފުޅުގައި ވަނީ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލާއިރު އެ ބްރިޖު ގިރާވަރުފަޅާ ހަމައަށް އަޅާނެ ކަމަށް ވިދާޅުވެފައެވެ.

މާލެ, ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އޮގަސްޓު 26، 2021 ގައެވެ. އަދި ބްރިޖުގެ އަމަަލީ މަސައްކަތް ފަށާފައި ވަނީ އޮގަސްޓް 2، 2022 ގައެވެ.

އެފްކޯންސް ކުންފުނިން ރާއްޖޭގައި ހިންގާ ބްރިޖް މަޝްރޫއުގެ ދަށުން 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއެއް ހަދާ އިރު، މި މަޝްރޫއަަކީ 8.2 ބިލިއަން ރުފިޔާ ހަރަދު ވާނެ މަޝްރޫއެކެވެ. މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، ތިލަ ހިސާބުތަކުގައި އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.