މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސިޓީ ކައުންސިލްގެ ޖަލްސާ ކުރިއަށް ގެންދެވި ގޮތާ ގުޅިގެން ހިތްހަމަނުޖެހި، ގިނަ ކައުންސިލަރުން މިއަދުގެ ބައްދަލުވުމުން ނުކުމެވަޑައިގެން ހިނގައްޖެއެވެ.

ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު އޮންނަ ކައުންސިލްގެ ބައްދަލުވުން މިއަދު ބާއްވަން ނިންމާފައި ވަނީ އިއްޔެގެ ބައްދަލުވުމުގެ ކޯރަމް ގެއްލި، އިއްޔެ ކުރިއަށް ގެންދެވޭ ގޮތް ނުވުމުންނެވެ. މައްސަލަ ޖެހުނީ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު، ޕީޕީއެމްގެ އަހްމަދު އައިފާން ހުށަހެޅުއްވި ދެ ހުށަހެޅުމެއް އެޖެންޑާގައި ނުހިމެނުމުންނެވެ.

އައިފާން ހުށަހަޅުއްވާފައި ވަނީ ކައުންސިލްގެ ދާއިމީ ކޮމިޓީތައް އެކުލެވިފައިވާ ގޮތް ބަދަލުކުރުމަށާއި، 35 ހާހުން މަތީގެ ހިދުމަތެއް ކައުންސިލުން ހޯދާ ނަމަ، ކޯޕަރޭޓް އެފެއާޒް ކޮމިޓީން ފާސްކޮށް، ކައުންސިލްގެ ބައްދަލުވުންތަކަށް އެކަން ގެނައުމަށް ލާޒިމްކުރާ ގޮތް ހެދުމަށެވެ. ނަމަވެސް އެ ދެ ކަމެއް ހިމަނާފައި ނުވެއެވެ. އެހެންވެ އެޖެންޑާ އަށް ތާއީދުނުކުރާ ކަމަށް ވިދާޅުވެ، އައިފާން ހިމެނިވަޑައިގަންނަވާ ހެން ނުވަ ކައުންސިލަރަކު ވަނީ ބައްދަލުވުން ދޫކުރައްވައި ވަޑައިގެންފައެވެ. އެ ކައުންސިލަރުންނަކީ:

  • މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު އަރީޝް
  • މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހީމް އަބޫބަކުރު
  • ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހީމް މުހައްމަދު
  • ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް
  • ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފް ފާތިހު
  • ގަލޮޅު ހުޅަނގު ދާއިރާގެ މެންބަރު މަރިޔަމް ނާޒިމާ
  • ގަލޮޅު މެދު ދާއިރާގެ މެންބަރު މަރިޔަމް ރީހާން ނާޒިމް
  • ހެންވޭރު އުތުރު ދާއިރާގެ މެންބަރު އާއިޝަތު ނިޒްލީ ރަޝީދު

"ދަ ޕްރެސް" އަށް ވާހަކަ ދައްކަވަމުން ސައިފް ވިދާޅުވީ، މީގެ ތިން ހަފްތާ ކުރިން ފާސްކުރެވުނު އިސްލާހުގެ ސަބަބުން، ކޮމިޓީތައް އެކުލަވާލުމުގެ ބާރު މިހާރު އޮންނަނީ ކައުންސިލަރުންގެ އަތްމަތީގައި ކަމަށާއި، ކައުންސިލަރުންނާ ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރުމަށް ކުރައްވާ ކަންކަމަށް މޭޔަރު ހުރަސް އަޅުއްވާ ކަމަށެވެ.

އޭނާ ތުހުމަތުކުރައްވާ ގޮތުގައި، އައިފާން ހުށަހެޅުއްވި ދެ މައްސަލަ މުއިއްޒު އެޖެންޑާނުކުރެއްވީ އޭނާ އަށް އޮތް ކޮމިޓީތަކުގެ ކޮންޓްރޯލް ގެއްލިދާނެތީ އާއި، ބަދަލުތައް ނުގެނެސްފި ނަމަ، ބޭނުންވާ ގޮތަށް ކަންކަން ނުކުރެވޭނެ ކަން މުއިއްޒަށް ގަބޫލުކުރެއްވޭތީއެވެ. ސައިފް ވިދާޅުވި ގޮތުގައި ކޯޕަރޭޓް އެފެއާޒް ކޮމިޓީގެ ނިންމުންތަކުގެ ތަފްސީލް ހިއްސާކުރުމަށް ވެސް މެންބަރުން ބޭނުންވަނީ އެ ކޮމިޓީ މެދުވެރިކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރުމުގެ ފުރުސަތު އޮތުމުން، ހާމަކަން ބޮޑު ގޮތެއްގައި އެކަން ކުރުމުގެ ބޭނުމުގައެވެ.

އެކަމަށް ވެސް މުއިއްޒު ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައިފް ވިދާޅުވީ، އައިފާން ހުށަހެޅުއްވި ކަންކަން އެޖެންޑާގައި ހިމެނުމަކީ ގާނޫނާ ހިލާފު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ނަމަ، އައިފާނަށް ލިޔުމުން ޖަވާބެއް ދެއްވަން ޖެހޭ ކަމަށެވެ. އެކަމަކު އިއްޔެވެސް އަދި މިއަދު ވެސް ޖަވާބެއް ނުދެއްވާ ކަމަށާއި، މިއަދުގެ ބައްދަލުވުމުގައި އޮތީ އިއްޔެގެ ވެސް އެޖެންޑާ ކަމަށާއި، ކައުންސިލަރުން ބައްދަލުވުން ބޯއިކޮޓް ކުރީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ސިޓީ ކައުންސިލްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

އާންމު ގޮތެއްގައި ސިޓީ ކައުންސިލްގެ ބައްދަލުވުންތައް ޔޫޓިއުބުން ދައްކައެވެ. ނަމަވެސް އިއްޔެ އާއި މިއަދުގެ ބައްދަލުވުންތައް ވަނީ ނުފެންނަ ގޮތް ހަދައިފައެވެ.