24 ބަނގުރާ ދަޅާ އެކު ދެ ދިވެއްސަކު ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، 21 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކުރީ ހުޅުމާލޭން މާލެ އަށް ކާރެއްގައި ބަނގުރާ އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ މީހުން ހުއްޓުވައި ހައްޔަރުކޮށްފައި ވަނީ މާލެ އަށް އެ މީހުން އައި ކާރު އައުމުން، ބްރިޖާ ހިސާބުން އެ ކާރު ހުއްޓުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުން ވެސް ކާރު މަޑުނުކޮށް ދިއުމުން، ގަލޮޅުގެ ފުލުހުން އެ ކާރު ފަހަތުން ގޮސް ކާރު ހުއްޓުވައިގެން ކަމަށެވެ.

އެ މީހުން ތިބި ކާރު ހުއްޓުވާފައި ވަނީ، ފުލުހުން ބުނި ގޮތުގައި ސީގަލްގެ ކަންމަތިންނެވެ.

ކާރު މަޑުކުރަން އެންގުމުން މަޑުނުކޮށް ގޮސް، އެ މީހުން ގެންގުޅުނު ކޮތަޅެއް ފިލިގަސް މަގަށް އެއްލާލި ކަމަށާއި، 24 ދަޅު ބަނގުރާ ފެނުނީ އެ ކޮތަޅު ބަލައި ފާސްކުރުމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ދަނީ އެ މައްސަލަ ބަލައި ތަހްގީގުކުރަމުންނެވެ.

ދާދިފަހުން ބ. އޭދަފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ 43 ބިޔަރު ދަޅާއި 5 ފުޅި ބަނގުރާ އަތުލައިގެންފައެވެ. ނަމަވެސް އެ މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރެއެވެ.