ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވާ މީހުންގެ މައްސަލަ ސަރުކާރުގެ މިދައުރުގައި އޮއްބާލާކަން ފާހަގަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ހިޔާނާތުގެ މައްސަލައެއް ފުލުހުން ބަލަމުންދާ ދަނޑިވަޅެއްގައެވެ.
ނަޝީދު ވިދާޅުވީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވާ މީހުން ހިމާޔަތްކޮށް އެފަދަ މައްސަލަތަކުގައި މޯލްޑިވްސް ޕޮލިސް ސާވިސް އަދި ޕްރޮސެކިއުޓާ ޖެނެރަލް ކޯޓުތަކަށް ނުފޫޒު ފޯރުވާ އޮއްބާލާކަން ރައީސް ސޯލިހްގެ ސަރުކާރުގެ މި ދައުރުގައި ވަރަށް ފާހަގަވާ ކަމަށެވެ.
އެގޮތުން މިހާރު ފެންމަތިވެފައިވާ އާރްޑީސީގެ ހިޔާނާތުގެ މައްސަލައަކީ ވެސް މިފަދަ އާންމު ކަމެއް ކަމަށާއި މިއީ އެމްޑީޕީގެ ވެރިކަމެއްގައި ލަދުވެތި ކަމެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އާރްޑީސީގެ ހިޔާނާތުގެ މައްސަލައެއް ބަލަމުން އަންނައިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން ގުޅިގެން އެ ކުންފުނީގެ އެކައުންޓުން ނެގި ކަމަށް ތުހުމަތު ކުރެވޭ 13.8 މިލިއަން ރުފިޔާގެ މައްސަލައެކެވެ. ބީއެމްއެލްގައި ހުޅުވާފައިވާ އާރުޑީސީގެ މައި އެކައުންޓުން 13.8 މިލިއަން ރުފިޔާ ޖަމާކޮށްފައި ވަނީ އަރްޑީސީގެ ސީއެފްއޯ ޔާސިރުގެ އަމިއްލަ އެކައުންޓަށް ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.
އޭނާގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމަށްފަހު އެ ފައިސާ ބޭނުންކުރި ގޮތުގެ ތަފުސީލުތަކެއް އެނގެށް ނެތް ކަމަށް ވެސް ބުނެފައި ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާސިރަކީ މޫކޭގެ ޅިޔަނެކެވެ. ޔާސިރު ވަނީ މީގެ މަހެއްހައި ދުވަސްކުރިން މޫކޭގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއަކާ ކައިވެނި ކޮށްފައެވެ.
މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއެކު ތަހުގީގު ފަށާފައިވާ އިރު، ފުލުހުންގެ ތަހުގީގު ހުއްޓުވުމަށް މި ސަރުކާރުގެ ބައެއް ބޭފުޅުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބައެއް ނޫސްތަކުގައި އަންނަނީ ރިޕޯޓް ކުރަމުންނެވެ. އެ ގޮތަށް އެ މަސައްކަތް ކުރަމުން އަންނަނީ ކުރިއަށް ރިޔާސީ އިންތިހާބާ ދިމާކޮސް ސަރުކާރަށް އޮތް ތާއީދު ގެއްލިދާނެތީ ކަމަށް ވެސް ނޫސްތަކުން ބުނެފައި ވެއެވެ.