އއ. ހިމަންދޫ އަދި ދ. މީދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ހެލްތް މިނިސްޓްރީ އިން ސަމާލް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފިއެވެ.
2 ސިއްހީ މަރުކަޒެއްގެ މަސައްކަތް ސަމާލް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައި ވާއިރު ހިމަންދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހެދުމާއި ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމަށް ސަމާލް ކޮންސްޓްރަކްޝަނާ އެކު ވަނީ ސޮއިކޮށްފައެވެ.
ހިމަންދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 4.9 މިލިއަން ރުފިޔާއަށް 160 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ދ. މީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމަށް ސަމާލް ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފައި ވަނީ 4.8 މިލިއަން ރުފިޔާއަށެވެ. އެއީ 155 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އަތޮޅުތަކުގެ ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށް ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގިނަ ރަށްތަކެއްގެ ސިއްހީ މަރުކަޒުގެ އިމާރާތުގެ މަސައްކަތާއި ބޭނުންވާ އިކުއިޕްމެންޓްތައް ފޯރުކޮށްދިނުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ތ. ދިޔަމިގިލި އަދި ގއ. ގެމަނަފުށީ ސިއްހީ މަރުކަޒުގެ މަސައްކަތް ކުރުމަށް ވެސް ހެލްތް މިނިސްޓްރީ އިން ވަނީ 2 ކުންފުންޏަކާ ހަވާލު ކޮށްފައެވެ.