32 މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓުމުން ހުޅުމާލެ ގެންގޮސްފިއެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ ނ. އަތޮޅުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް ތެޔޮ ހުސްވެ، އިންޖީނު ހުއްޓުނު ދޯންޏެއްގައި ތިބި މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ހުޅުމާލެ ގެންގޮސްފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ "ފަހި ރޯދި" ނަމަކަށް ކިޔާ އެ ދޯނި، މާލެ އަތޮޅު މަކުނުދޫ ރިސޯޓު ކައިރިން ތެޔޮ ހުސްވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކޮށްފައިވަނީ މިރޭ 9 ޖަހާހާއިރު ކަމަށާއި އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ނޫރައްދީން އެ ސަރަހައްދަށް ދިޔަ ކަމަށެވެ.

އެ ދޯނީގައި ޖުމްލަ 32 މީހަކު ތިބިއިރު އެ ދޯނީގައި ތިބި 12 ކުޑަކުދިންނާއި ހަތް އަންހެނުންނާއި ތިން ފިރިހެނުން ކޯސްޓްގާޑް ނޫރައްދީންއަށް އިން ރޭ 10:45 ގައި ހުޅުމާލެ ގެންގޮސްފައިވާއިރު އެމްއެންޑީއެފްއިން ބުނީ ބާކީ ތިބި 10 މީހުން ދޯނީގައި މަޑުކުރީ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ އެ ދޯނިން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.