މިދިޔަ އަންގާރަ ދުވަހު ފަތިހުގެ ވަގުތެއްގައި މާލޭގައި ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާ ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ދުއްވަންއިން މީހާއަށް މާ ބޮޑު އަނިޔާތަކެއް ނުލިބުނު ނަމަވެސް ހިނގާފައިދިޔަ އެމްއެންޔޫގެ ލެކްޗަރާ، އަލީ ހަފީޒަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބި ސީރިއަސް ހާލަތުގައެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން އެކްސިޑެންޓް ހިނގާފައިވަނީ ހަފީޒް ކަފިހިހުރަހުން މަގު ހުރަސްކުރަނިކޮށް ދުއްވާފައި އައި ސައިކަލަކުން ޖެހިގެންނެވެ. ސައިކަލު ދުއްވާފައި އައި ބާރު ކަމުން ހަފީޒު ދިޔައީ ވިއްސައިގެން ކަމަށް މައުލޫމާތު ލިބެއެވެ. އެއާއެކު އޭނާގެ ފަޔާ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް ދުއްވަން އިން މީހާ ވަނީ މަޑު ނުކޮށް އެތަނުން ފިލާފައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ސައިކަލް ދުއްވަން އިން 22 އަހަރުގެ ޒުވާނާގެ އަތުގައި ލައިސަންސް ނެތް ކަމަށެވެ. ގަވާއިދާ ހިލާފަށް ދުއްވައި މީހެއްގެ ފުރާނައަށް ނުރައްކާވި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާތީ އާންމު ފަރުދުން ދަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެގޮތުން ގިނަ ބަޔަކު ދަނީ ސައިކަލް ދުއްވަން އިން މީހާ ހޯދާ ހައްޔަރު ކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ. އަދި މީގެ އިތުރުންވެސް މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންގެ ކިބަައިން އާންމުން އެދިފައި ވެއެވެ.

އެކްސިޑެންޓުގައި އަނިޔާވި އުމުރުން 50 އަހަރުގެ އަލީ ހަފީޒަކީ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ލެކްޗަރާއެކެވެ.

މާލެ ސަރަހައްދުގައި މިހާރަކަށް އައިސް މިފަދަ އެކްސިޑެންޓްތައް އާންމުކޮށް ހިނގާކަން ފާހަގަ ކުރެވެއެވެ. އަދި މިހެން ހިނގާ އެކްސިޑެންޓްތަކުގައި މީހުންނަށް ބޮޑެތި އަނިޔާތައް ލިބޭ އިރު، ބައެއް މީހުން އެކްސިޑެންޓްގައި ލިބޭ އަނިޔާތަކުގެ ސަބަބުން މަރުވެފައި ވެސް އެބަ ހުއްޓެވެ.

އެކްސިޑެންޓްތައް މަދު ކުރުމަށް މަގުމަތީގައި އުޅަނދު ދުއްވުމުގެ ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. އޯވާ ޓޭކް ނުކުރުމާއި، ސްޕީޑް ހުންނަން ޖެހޭ ލިމިޓަށް ވުރެ މައްޗަށް ނުގެން ދިއުމާއި، ލައިސަންސް ނެތި އުޅަނދު ނުދުއްވުމަކީ ސަމާލުކަން ދޭން ޖެހެއެވެ.