އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޗަމްޕާ ބްރަދާސް ޕްރައިވެޓް ލިމިޑެޓަށް ނުލިބޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނިންމައިފިއެވެ.
އޭސީސީން ބުނީ، އެ ހިޔާނާތުގައި ޗަމްޕާ ބްރަދާސް އިން ބައިވެރިވި ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ކުރި ތަހުގީގަށް ފަހު އެ މައްސަލާގައި ޗަމްޕާ ބްރަދާސް އިން ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ ކުށެއްގައި ބައިވެރިވި ކަން ސާބިތުވާ މިންވަރަށް އެއްވެސް ހެއްކެއް އަދި ގާރީނާއެއް ވެސް ފެނިފައި ނުވާ ކަމަށެވެ. އެހެންކަމުން އެކުންފުންޏާ ގުޅޭ މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައއި ނިންމާ ކަމަށް އޭސީސީން ބުނެއެވެ.
މަޝްހޫރު ވިޔަފާރިވެރިން ކަމަށްވާ ހުސެއިން އަފީފް އާއި މުހައްމަދު މޫސަ (އުއްޗު)ގެ ކުންފުންޏަށް ތުހުމަތުކުރީ، 2014-2015 އަހަރު އެމްއެމްޕީއާރުސީ ބޭނުންކޮށްގެން ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެ، ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާއަށް ހިޔާނަތްތެރިވެ، އެ ފައިސާ ބަހައިގެން ލިބުނު ފަރާތްތަކުގެ ތެރޭގައި އެ ކުންފުނިން ވެސް ހިމެނޭ ކަމަށެވެ.
އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ 155 މީހެއްގެ އެކައުންޓަށް އެސްއޯއެފް ކިޔާ ކުންފުންޏެއް މެދުވެރިކޮށް ޖަމާ ކޮށްފައި ވާކަން އޭސީސީއިން އާންމުކުރި ތަހުގީގީ ރިޕޯޓުން ހާމަވެފައި ވާއިރު އޭގެ ތެރެއިން ބައެއް މީހުން ވަނީ ފުލުހަށާއި އެ ކޮމިޝަނަށް ވެސް ހާޒިރު ކޮށްފައެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ދައުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހަކު ހިމެނޭއިރު ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ވެސް ހިމެނެއެވެ.
މި ހިޔާނާތުގެ މައްސަލަތައް އޭސީސީން ތަހުގީގު ކުރަމުން އަންނަ އިރު ބައެއް ތަހުގީގުތަކާ މެދު އެ ކޮމިޝަނުން ގޮތެއް ނިންމާ ބައެއް މައްސަލަތަކުގައި ދައުވާ ކުރުމަށް ވެސް އޭސީސީން ވަނީ ޕީޖީއަށް ފޮނުވާފައެވެ.
މިރާއްޖެއަކު މިހާރަކު އޭސީސީ އެއް ނެތް. އުއްޗުގެ ތަހުގީގު އަދި ކުރެވޭނެ. ޢިންޝާ ﷲ