މީހެއްގެ އެކައުންޓުން އެމީހާއަށް ނޭނގި ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތެއް ހިންގި މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ ހޯދަން އިއުލާނު ކޮށްފައިވާ މީހަކީ މީހެއްގެ އެކައުންޓުން އެ އެކައުންޓުގެ ވެރިފަރާތަށް ނޭނގި 10،500 ދިވެހި ރުފިޔާގެ ފައިސާގެ މުއާމަލާތެއް ހިންގާފައިވާ މައްސަލައަކާ ގުޅިގެން ތަހުގީގުގައި ސުވާލު ކުރަން ބޭނުންވާތީ ހޯދަމުންދާ މީހެއް ކަމަށެވެ.

ފުލުހުންނަށް އެއީ ކާކުން ދެނެގަނެވިފައި ނުވާ ކަމަށާއި އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަން ނަންބަރު 9660183 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ސްކޭމް ހިންގާ ފަރާތްތަކުން ތަފާތު އެކި އުކުޅުތައް ބޭނުންކޮށްގެން އެކައުންޓުތަކުން ފައިސާ ވަގަށް ނެގުމުގެ ގިނަ އަދަދެއްގެ މައްސަލަތައް ފެންމަތިވަމުން އަންނައިރު މިފަދަ ސްކޭމްތަކާމެދު ސަމާލުވެ ތިބުމަށް ފުލުހުން އަންނަނީ ތަކުރާރުކޮށް އެދެމުންނެވެ. އެގޮތުން ކޭޝް ކާޑް އަދި ބޭންކް އެކައުންޓްގެ މައުލޫމާތު ނުދިނުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.