ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަނުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފަށް ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް ފަރާތް ކަމަށްވާ ހ. ސީވީޑް ހަސަން ލަތީފަށް، އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފައިވާނެ ކަމަށެވެ.

ޖޫން 1 ވަނަ ދުވަހު ދަ ޑިމޮކްރެޓްސް އުފެއްދުމަށް ހުށަހަޅާފައި ވަނީ 3560 ފޯމާއެކުއެވެ.

ދަ ޑިމޮކްރެޓްސް އަކީ ހިނގަމުން ދާ އެމްޑީޕީގެ ވެރިކަމުގައި ސަރުކާރާ ހިޔާލުތަފާތު ވެ އޭގެ ތެރެއިން ވަކިވި ރައީސް ނަޝީދަށް ތާއީދު ކުރާ މެންބަރުން ހަރަކާތްތެރިވާ ޕާޓީއެކެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތް ވާ ރައްްޔިތުންގެ މަޖިލީހުގެ 14 މެންބަރަކު ޕާޓީން ވަކިވެފައިވާ އިރު ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ވަނީ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައެވެ. އެގޮތުން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވި ބައެއް ބޭފުޅުން ވަނީ މަގާމުތަކުން ވަކިކޮށްފައެވެ.

"ދަ ޑިމޮކްރެޓްސް" އުފައްދަން ބާއްވާ ޖަލްސާ ބޭއްވުމަށް ހުއްދަ ދީފައި މިވަނީ އެ ހުއްދަ ދިނުން ލަސްކޮށްފައިވާ ކަމަށް ބުނެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ހަސަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައި ވަނިކޮށެވެ.

ޑިމޮކްރެޓްސްއަށް މި ހުއްދަ ލިބުން ލަސްވަނީ ސަރުކާރުގެ ނުފޫޒުން ކަމަށް އެ ޕާޓީ އުފައްދަން އުޅޭ މެންބަރުން ވަނީ ތަކުރާރުކޮށް ތުހުމަތުކުރައްވާފައެވެ.