ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ގޮސް އުޅެނިކޮށް ހުކުރު ދުވަހު ނިޔާވި ހައްޖާޖީ ވަޅުލައިފިއެވެ.
ނިޔާވެފައި ވަނީ އުމުރުން 72 އަހަރުގެ ދ. މާއެނބޫދޫ، ފިޔާތޮށިގެ، އަލީ ހަސަން އެވެ. ހަސަން ނިޔާވެފައި ވަނީ މައްކާގެ ސައޫދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހުކުރު ދުވަހު ރާއްޖެ ގަޑިން އިރުއޮއްސި 18:17 ގައެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ހޮނިހިރު ދުވަހުގެ އަސްރު ނަމާދަށްފަހު މަސްޖިދުލްހަރަމްގައި މައްޔިތާގެ މައްޗަށް ކަށުނަމާދުކޮށް، މައްކާގެ މަގްބަރަތުއް ޝުހަދާއުލް ހަރަމްގައި ވަޅުލާފައި ވާކަމަށެވެ. މިއީ ރާއްޖެ އިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ނިޔާވި ދެވަނަ މީހާ އެވެ.
ގެއްލިގެން ހޯދަމުން ދާތާ ހަތަރު ދުވަސްފަހުން ވެސް ނިޔާވެފައި އޮތް ދިވެއްސަކު ވަނީ ފެނިފައެވެ. އެއީ އުމުރުން 72 އަހަރުގެ ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމް އަލީ އެވެ. އަލްހަރަމައިން ހައްޖު ގުރޫޕުގެ ފަރާތުން ހައްޖަށް ގޮސް އުޅުނު ނަސީމް ނިޔާވެފައި އޮއްވާ ފެނުނީ ހިރާ ފަރުބަދައާ ދިމާލުންނެވެ.
ނަސީމްގެ ހަށިގަނޑު ވަޅުލާފައި ވަނީ ރޭގެ ފަތިސް ނަމާދަށް ފަހުއެވެ. އޭނާގެ ހަށިގަނޑު ވަޅުލުމަށް ކޮންމެ ނަމާދު ވަގުތެއްގެ ފަހުން މަސައްކަތް ކުރަމުންދާ ކަމަށް ހަރަމައިން ގްރޫޕުން ބުނި ނަމަވެސް އެކަމަށް އަމަލީ ސިފައެއް އައިސްފައި ނުވާތީ އާއިލާއިން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ހޮސްޕިޓަލާ ހަވާލާދީ އާއިލާއިން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނަސީމް ނިޔާވިތާ 24 ގަޑިއިރު ނުވަތަ 36 ގަޑިއިރު ވެފައިވާ ކަމަށެވެ. އަދި ނިޔާވާން ދިމާވި ސަބަބެއް އެ މީހުން ނުބުނާ ކަމަށާއި ނިޔާވި ސަބަބު އެއް ގޮތަކަށްވެސް ނޭނގޭ ކަމަށެވެ. އެހެންނަމަވެސް އާއިލާއިން ލަފާކުރަނީ ނަސީމް ނިޔާވީ ނުކައި، ނުނިދާ ތަނެއް ހޯދުމަށް، ދިން ހާ އަތްވެއްގައި ހިނގުމުގެ ސަބަބުން ކަމަށެވެ. އަދި އާއިލާއިން ބުނީ ނިޔާވީ ކާން ނުލިބިގެން ކަމަށް ޝައްކު ކުރެވުނު ނަމަވެސް ހައްޖު ދުވަސްވަރު އެ ސަރަހައްދުން ކާން ނުލިބިގެން މަރުވުމުގެ ފުރުސަތު ނޯންނާނެ ކަމަށް ބައެއް ޝައިހުން ބުނާ ކަމަށެވެ.
އަމިއްލަ ރަށުގައާއި މާލޭގައި ވެސް ވިޔަފާރި ކުރާ ވިޔަފާރިވެރިޔާ ނަސީމް މީގެ ކުރިންވެސް 2 ފަހަރަކު ވަނީ ހައްޖަށް ގޮސްފައެވެ. ދާދިފަހުން ހަނދާން ނެތުމުގެ ބަލި ކަމެއް ނަސީމްގެ ކިބައިން ފާހަގަ ކުރެވޭ އިރު އޭނާ ގެއްލުނީ އިހުރާމުގައި ހުއްޓާ ކަމުން ނިޔާވެފައި އޮއްވާ ފެނިފައިވަނީ ވެސް އިހުރާމުގައެވެ.
މީގެއިތުރުންވެސް އެހެން ދެ ހައްޖުވެރިއެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދީފައި ވެއެވެ.