ގެއްލިގެން ހޯދަމުންދިޔަ އާތިފާ އަބްދުﷲ އާއިލާއަށް ގުޅައިފި ކަމަށް އާއިލާއިން ބުނެފިއެވެ.
އުމުރުން 53 އަހަރުގެ މ. އާޒާދީގުލްޝަން / އާތިފާ އަބްދުﷲ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 10:25 ހާއިރެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން، ރޭގެ 22:45 ހާއިރު ކަމަށް އާއިލާ އާ ހަވާލާ ދީ ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.
އޭރު އޭނާ ލައިގެން ހުރީ ފެހިކުލައިގެ ހެދުމެއް ކަމަށާއި އަޅައިގެން ހުރީ ފިޔާތޮށި ކުލައިގެ ޝޯލެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
ދާދިދެންމެއަކު "ދަ ޕްރެސް" އަށް މައުލޫމާތު ދިން އާތިފާގެ ދަރިއަކު ބުނީ މަންމަގެ ހަބަރެއްވެފައިވާ ކަމަށާއި އެހެންނަމަވެސް އަދި ގެއަށް ނުދާ ކަމަށެވެ. މެންދުރުފަހު 2 ޖަހަނިކޮށް އެހެން މީހެއްގެ ފޯނުން ބައްޕައަށް ގުޅާ ވާހަކަދެއްކި ކަމަށްވެސް ވަނީ ބުނެފައެވެ.
ގަދަވެ ސަލާމަތުން މަންމަ ހުރިކަން އެނގިފައިވާ ކަމަށް އާތިފާގެ ދަރިފުޅު އިތުރަށް ވަނީ ބުނެފައެވެ.
އެހެންނަމަވެސް ފުލުހުން ބުނީ އާއިލާގެ މީހަކަށް ވިލިމާލެ ފިހާރައެއްގެ ނަންބަރަކުން އާތިލާ ގުޅިކަން އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށާއި އެއީ އާތިފާކަން ކަށަވަރު ކުރުމަށް ފުލުހުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށެވެ. މިހާތަނަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.