ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރަމުން ދާ ހަނަގުރާމައިގައި ރަޝިއާ ބަލިކުރަން ހުޅަނގުން ދޭން ބުނި އަސްކަރީ މަދަދު ދިނުމުގައި ލަސްވަމުން ދާތީ ޔޫކްރައިން އިން ރުޅިގަދަވެއްޖެއެވެ.

ހުޅަނގުން ވަނީ، ޔޫކްރައިން އަށް ޒަމާނީ ހަތިޔާރާއި، ފައިޓާ ޖެޓާއި އެނޫންވެސް ބަރުހަތިޔާރު ފޯރުކޮށްދޭން އެއްބަސްވެފައެވެ. އަދި ބައެއް ތަކެތި ފޯރުކޮށްދީފައި ވާ އިރު ޔޫކްރައިން އިން ބޭނުންވާ ސްޕީޑްގައި ގިނަ ތަކެތި ނުވަތަ އާލާތްތައް ނުލިބޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއާއެކު ރައްދު ހަމަލާތައް ކުރިއަށް ގެންދަން ބޭނުން ވާ ބާރުމިނުގައި ކުރިއަށް ނުގެންދެވޭތީ ކުރިއެރުން މަޑުޖެހިފައި ވާ އިރު، ޔޫކްރައިންގެ އަސްކަރީ ކޮމާންޑާ އިން ޗީފް ވެލަރީ ޒަލޫޒިނީ ވިދާޅުވީ، އެކަމުގެ ސަބަބުން ޔޫކްރައިންއަށް ދަތި އުނދަގޫތަކާ ދިމާވެ ރަޝިއާއިން ހިފާފައިވާ މަގާމުތަކަށް ހަމަލާ ދިނުމުގައި ގޮންޖެހުންތަކާ ކުރިމަތިވަމުން ދާ ކަމަށެވެ.

އެމެރިކާގެ ވޮޝިންޓަން ޕޯސްޓަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ، ރަޝިއާ އާ ދެކޮޅަށް ރައްދު ހަމަލާތައް ފަށާފައި ވީ ނަމަވެސް އެންމެ އިފެކްޓިވް [ކާމިޔާބު ކަމާއެކު] ހަމަލާތައް ކުރިއަށް ގެންދެވެން އޮތީ، ވައިގެ މަގުން ދޭ ހަމަލާތައް ވަރުގަދަ ކޮށްގެން ކަމަށާއި، ހުޅަނގުން ދޭން ބުނި، އެފް-16 މަރުކާގެ ބޮން އަޅާ ބޯޓުތައް ނުވަތަ ފައިޓާ ޖެޓުތައް ދިނުމުގައި ލަސްތަކެއް ވެފައި ވާ ކަމަށެވެ.

"އަހަރެން ބޭނުމެއް ނޫން ކޮންމެހެން 120 ބޯޓެއް، މިއުޅެނީ މުޅި ދުނިޔެއަށް ނުރައްކާ ކުރާކަމަށް ނޫން، މަދު އަދަދެއްގެ ފައިޓާ ޖެޓުންވެސް މިވަގުތަށް ވާނެ"
ޔޫކްރައިންގެ އަސްކަރީ ކޮމާންޑާ އިން ޗީފް ވެލަރީ ޒަލޫޒިނީ

އެހެން ވިދާޅުވެ އޭނާ ވަނީ "ޕިސެސް މީ އޮފް" ކަމަށް ވިދާޅުވެފައެވެ. ޕިސެސް މީ އޮފް ބޭނުން ކުރަނީ، ބަޔަކު ނުވަތަ މީހަކު ކުރާ ކަމެއްގެ ސަބަބުން އަނެކާ ރުޅި އަންނަ އައުން ރަމްޒު ކޮށްދިނުމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، އެއީ [ބޯޓުތައް] ބޭނުންވާ އެއްޗެއް ކަމަށާއި، އިދިކޮޅުން [ރަޝިއާއިން] ބޭނުން ކުރަނީ ނިއު ޖެނެރޭޝަން ވެޕަން ކަމަށް ވާ އިރު އެނޫން ގޮތެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ، ރަޝިއާ އާ ދެކޮޅަށް އެގައުމުން ކުރާ ހަނގުރާމައިގައި މަދަދު ދޭ ހުޅަނގުގެ އެންމެ އިސް ޖެނެރަލުންނާ 24 ގަޑި އިރު ގުޅިފައި ހުންނަ ކަމަށާއި، ހަފްތާއަކު 100،000 އުންޑަ [ބޮޑުބަޑީގެ އުންޑަ] ނުލިބޭނަމަ ޔޫކްރައިންގެ 1000 ސިފައިން މަރުވާނެ ކަމަށް ބައެއް ފަހަރު ގުޅުފައި ވާ ފޯން ކޯލްގައި ވިދާޅުވާ ކަމަށެވެ.

"މިއީ ޝޯ އެއް ނޫން، މޮޅުވަނީ، ބަލިވަނީ ކޮންބައެއްތޯ ބަލާ ބާޖު މަރަން ތިބޭކަށް، ކޮންމެ ދުވަހަކު އަހަރެމެންގެ ސިފައިން އެދަނީ ޝަހީދުވަމުން"
ޔޫކްރައިންގެ އަސްކަރީ ކޮމާންޑާ އިން ޗީފް ވެލަރީ ޒަލޫޒިނީ

މި ކަމާ ގުޅިގެން އެމެރިކާގެ ދިފާއީ ވަޒީރު ވިދާޅުވެފައި ވަނީ، ކުރަމުން ދާ ހަނގުރާމަ އާއި ކަރުދާހުގައި އޮންނަ ހަނގުރާމަ އާ ތަފާތު ކަމަށާއި އަސްލު ހަނގުރާމައިގައި މަރުވަނީ އަސްލު މީހުން ކަމަށެވެ. އަދި އެމެރިކާއިން އަބަދުވެސް އޮންނާނީ ޔޫކްރައިންނަށް މަދަދުދޭން ތައްޔާރަށް ކަމަށާއި ނަމަވެސް އެއީ އެމެރިކާގެ އެކަނި ނިންމުމަކަށް ނުވާ އިރު، އިސްތިރާޖީ ކަންކަން ނިންމަން ޖެހޭ ކަމަށެވެ.