މާލޭގެ މަގުތައް މަރާމާތު ކުރުމުގައި މާލެސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތް ތަކުން އެންމެ އެދެވޭ ބަދަލެއް ނުފެންނަނީ ސަރުކާރުން މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލްގެ އަތުން އަނބުރާ ގެންދިއުމުގެ ސަބަބުން ކަމުގައި މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެސިޓީގެ މަގުތަކަކީ އަމާން ރައްކާތެރި އަދި ހިތްފަސޭހަ މަގުތަކަކަށް ހެދުމަށްޓަކާ މާލެސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން މާލޭގެ 14 މަގަކުން 174 ކާނުމަތި ވަނީ ބަދަލު ކޮށްފައެވެ.
މިކަމަށް އިޝާރާތް ކުރައްވަމުން މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް މަރާމާތު ކުރުމަށް ކައުންސިލުން ކޮންމެ ދުވަހަކު މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެހެންނަމަވެސް އެންމެ އެދެވޭފަދަ ބަދަލެއް ނުފެންނަނީ މަގުހެދުމުގެ މަޝްރޫއު ސަރުކާރުން އަނބުރާ ގެންދިއުމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން މާލޭގެ މަގުތަކުގައި ހަލާކުވެފައިވާ ކާނުތަކުގެ މަތިތައް ދެނެގަތުމުގެ ތެރެއިން މިހާތަނަށް 239 ކާނުމަތި ހަލާކުވެފައި ވާކަން ފާހަގަ ކުރެވިފައި ވާ ކަމަށެވެ. އޭގެތެރެއިން 174 ކާނުމަތި މިހާތަނަށް ބަދަލު ކޮށްފައި ވާއިރު އަދި 65 ކާނުމަތި ބަދަލު ކުރަންޖެހޭ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ ކުރިން އޮތް މާލޭގެ މަގު ހެދުމުގެ މަޝްރޫއު ކައުންސިލް އަތުން އަތުލައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ސަރުކާރުން ހަވާލު ކުރީ 2022 ވަނަ އަހަރު ތެރޭގައެވެ.