ނިވާކަން ކުޑަ ކަން ރަމްޒުވާ ގޮތަށް ހެދުން އަޅައިގެން ގއ. ވިލިނގިލީގައި ބޮޑު އީދު ފާހަގަކުރުމަށް ބޭއްވި ޝޯގައި އަންހެނުންތަކެއް ނަށާ ވީޑިއޯ އެއް އާންމުވެ، އާންމުން ރުޅިގަދަވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ 40 އަކަށް ސިކުންތުގެ އެ ވީޑިއޯކޮޅުން ފެންނަނީ ވިލިނގިލީގެ ޝޯގައި ނިވާކަން ކުޑަ ކަން ރަމްޒުވާ ގޮތަށް ހެދުން އަޅައިގެން ތިބި ތިން އަންހެނުން އެކި ގޮތްގޮތަށް ބަނޑިބަނޑި ލައްވައި ނަށަމުންދާ މަންޒަރެވެ. އޭގެ ތެރެއިން ދެ އަންހެނަކު ތިބީ ބުރުގާ އަޅައިގެންނެވެ.

ވީޑިއޯ ފުސް ކަމުން، އެ މީހުން ލާފައިވާ އަންނައުނުގެ އެތެރެއިން ހަމުގެ ކުލައާ އެއްވައްތަރުގެ ހެދުމެއް ލައިގެން ތިބިކަން ނުވަތަ ނޫންކަން ނޭނގެއެވެ.

އެ ވީޑިއޯގައި ބުނެފައި ވަނީ، ވިލިނގިލީގައި ނިވާކަން ކުޑަ ކަން ރަމްޒުވާ ހެދުން އަޅައިގެން ނަށާފައި ވަނީ ގޮމަ ޑާންސް ގްރޫޕުން ކަމަށެވެ.

އެ މައްސަލައިގައި އާންމުންގެ ތެރެއިން ގިނަ މީހުން ވަނީ ނުރުހުން ފާޅުކޮށް، ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ފޭސްބުކްގައި އެ ވީޑިއޯ އަށް ކޮމެންޓުކުރި ބައެއް މީހުން ވަނީ ވިލިނގިލީގެ ރަށު ކައުންސިލާއި އެ ރަށު ރައްޔިތުންގެ ޒިންމާ އާ މެދު ސުވާލު އުފައްދައިފައެވެ.

ގޮމަ ގްރޫޕުން ނިވާކަން ކުޑަކަން ރަމްޒުވާ ހެދުން އަޅައިގެން ޝޯ ދިނުމުން ބައެއް އާންމުން ހިތްހަމަނުޖެހިފައި ---

ޓްވިޓާގައި ވެސް އެ ވީޑއޯ އަށް ހިޔާލު ފާޅުކުރި މީހުން މަދެއް ނޫނެވެ. އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން އެ ވީޑިއޯ ރީޓްވީޓްކުރައްވައި ފާހަގަކުރެއްވި ގޮތުގައި، އީދު ކުޅިވަރުތަކާއި ފާހަގަކުރުންތަކުގައި ހެދުން އެޅުމުގައި ކޮންމެ ވެސް ކަހަލަ މިންގަނޑުތަކެއް ހުންނަން ޖެހެއެވެ.

ގިނަ މީހުން މި އަމަލު ސިފަކުރީ "ހަޑި މުޑުދާރު" އަމަލެއްގެ ގޮތުގައެވެ.

މިފަދަ ކަންކަން ހިނގަމުން ދާއިރު، އިސްލާމިކް މިނިސްޓްރީންނާއި ހޯމް މިނިސްޓްރީން އެއްވެސް ބަހެއް ބުނެފައި ނުވާތީ، އާންމުންގެ ފާޑުކިއުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށާއި އިސްލާމިކް މިނިސްޓްރީ އަށް ވެސް އަމާޒުވެފައިވެއެވެ.

އާންމުކޮށް ކޮންމެ އީދު ދުވަހަކާ ގުޅިގެން ދޭ ހުތުބާ ގައި ވެސް، އީދު ފާހަގަކުރާއިރު، އިސްލާމީ ހުދޫދުގެ ތެރެއިން ރިވެތި އުސޫލުގައި އީދު ފާހަގަކުރުމަށް އަބަދު ވެސް އިލްތިމާސްކުރެއެވެ. އެހެންކަމުން މިއީ އީދު ދުވަހުގެ ރޫހާއި އިސްލާމީ ރިވެތި އުސޫލާ ހިލާފު އަމަލެއްކަން ފާހަގަކުރެވެއެވެ.