ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ބަދަލުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން ޑިމޮކްރެޓްސް އިން ހިޔާލު ފާޅުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ނުރުހުން ފާޅުކުރައްވައިފިއެވެ.
"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ރައީސް ނަޝީދު އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕާޓީގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން އިސްކޮށް ތިބެ ނެރެމުން އަންނަ "އޯޝަން ވީކްލީ" މަޖައްލާގެ ކުރިއަށް އޮތް ލިޔުމުގެ ކަވާ ސްޓޯރީއެއްގެ ގޮތުގައި ހިމަނާފައި ވަނީ "ޔާމީނެއް ވެސް ނޫން، ނަޝީދެއް ވެސް ނޫން. ގުޅިފައިވާ ޕާޓީގެ ކެންޑިޑޭޓެއް" މި ލިޔުން ކޮޅެވެ. އަދި މަޖައްލާގެ ކަވާ ފޮޓޯގައި ނަޝީދާއި ޔާމީން އަތް ޖޯޑު ކުރައްވާ ފޮޓޯ އެއް ވަނީ ހިއްސާ ކޮށްފައެވެ.
އެއާއެކު ޕީޕީއެމްގެ ނައިބު ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު އޯޝަން ވީކްލީ ވެސް ހުވަފެނީ ވާހަކަ ދައްކަންފެށީތޯ ސުވާލު އުފައްދަވާފައެވެ. އަދި އެ ޓްވީޓުގައި "ޕީޕީއެމް ކެންޑިޑޭޓު ރައީސް ޔާމީނަކީ އެންމެ ފުރަތަމަ ޕާޓީ އަކުން 2023 އަށް ދެއްކި ރިޔާސީ ކެންޑިޑޭޓު. އަދި 23 ޖުލައިގައި އެންމެފުރަތަމަ އިލެކްޝަން ކޮމިޝަން އަށް ވަންނާނީ އެމަނިކުފާނުގެ ކެންޑިޑެންސީ ފޯމް" ޝިޔާމް އިތުރަށް ވިދާޅުވިއެވެ.
ޕީޕީއެމްއާއި ޑިމޮކްރެޓްސް އަކީ ދެ ފިކުރުގެ ޕާޓީއެއް ނަމަވެސް ދެ ޕާޓީ އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން ދެއެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވަމުން ޝިޔާމް ވިދާޅުވީ "ދަ ޑިމޮކްރެޓްސް" ޕާޓީއާއެކު މަސައްކަތް ކުރަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ މަތިން ކަމަށެވެ.
އަދި ޕީޕީއާއެކު މަސައްކަތް ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި ދެ ފަރާތުގެ ވެސް ހިޔާލު އެއްގޮތް ކަމަށް ޑިމޮކްރެޓްސްގެ ފަރާތުން އަލީ އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި މުހައްމަދު ސޯލިހުގެ ސަރުކާރު ބަދަލުކުރަން ޖެހޭކަން ދެ ޕާޓީންވެސް ގަބޫލު ކުރާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އެދުވަހުގެ މަޝްވަރާތަކަށް ފަހު އިދިކޮޅު ޕާޓީ ތަކުން ވަނީ ޖުލައި 3 ވަނަ ދުވަހުގެ ރޭ ތިން ޕާޓީ ގުޅިގެން ބާއްވާ ވަރުގަދަ ކަންމަތީ ޖަލްސާއެއް އޮންނާނެ ކަމަށް އިއުލާން ކޮށްފައެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.
ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑާކުރުމުގެ ތުހުމަތުކޮށް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތްތައް އަވަސް އަވަހަށް ދިގުލައިގެންދާ ގޮތަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާތީ ޔާމީންގެ ވަކީލުން ކުރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެ ޝަރީއަތްތައް މާ އަވަސްއަވަހަށް ބާއްވާތީ އިސްތިއުނާފު ޝަރީއަތަށް ހުރަސްއެޅޭ ކަމަށް ވެސް ވަކީލުން ވަނީ ވިދާޅުވެފައެވެ.
ޔާމީން ޖަލު ހުކުމެއްގައި ހުރުމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ހަނި ނަމަވެސް ޕިޕީއެމްގެ އިސް މެންބަރުން ކެނޑިނޭޅި ބުނަމުން ދަނީ އަހަރުގެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީން ވާދަ ކުރަައްވާނެ ކަމަށެވެ.