އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި ހައްޖަށް ގޮސް އުޅެނިކޮށް މިނާއިން ގެއްލުނު ރ. މާކުރަތު މުހައްމަދު ނަސީމް އަލީ (72އ) ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

އޭނާ ގެއްލިގެން ހޯދާތާ 4 ދުވަސް ވެފައި ވަނިކޮށް ނިޔާވެފައި ވާ ކަން އެނގުނީ، އޭނާ އޮތް ހޮސްޕިޓަލުން ހައްޖު ޖަމާއަތަށް ގުޅާ އެންގުމުން އެ ޖަމާއަތުން ގޮސް އެއީ ނަސީމްކަން ޔަގީން ކުރުމުންނެވެ.

"ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުން، އޭނާ ހޮސްޕިޓަލަށް ގެންދިޔައ އިރުވެސް ވަނީ ނިޔާވެފައެވެ. ނަމަވެސް ނިޔާވާން ދިމާވި ސަބަބު އަދި ހޮސްޕިޓަލަށް ގެންދިޔައީ ކޮން ބައެއްކަން އަދި ސާފެއް ނުވެއެވެ.

ނަސީމް ހޮސްޕިޓަލަށް ގެންދިޔަ މީހުނަށް އޭނާ ފެނުނީ މިނާގައި ހުންނަ ޓެންޓް ތަކާ ދިމާއިން ޖަބަރު ނޫރު [ހިރާ ފަރުބަގަ] އާ ދާދި ކައިރިން ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ނަސީމް ގެއްލުނުކަން، ޖޫން 26 ވީ ހޯމަދުވަހު، މިނާގެ ޓެންޓުގައި އިނދެފައި ފޯނާއި އެއްޗެހި ބާއްވާފައި ނިކުމެ އެނބުނި ނައުމުން ކަމަށް އެ ޖަމާއަތުގެ އޮފިޝަލަކު މީގެ ކުރިން މައުލޫމާތު ދެއްވާފައި ވެއެވެ. ނަސީމަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށާއި، މި ދަތުރުގައި މައްކާއަށް ދިޔަ ދުވަހުވެސް ގެއްލިގެން ހޯދަނިކޮށް ފެނުނީ 24 ގަޑިއިރު ފަހުންނެވެ.

މިފަހަރު ނަސީމް ގެއްލުނީ 26 ވަނަ ދުވަހުގެ ރޭ 11 ޖަހާ އެހާކަން ހާއިރު ޓެންޓުން ނުކުމެގެން ދިޔަ ގޮތަށެވެ.

އޭނާ ގެއްލުމުން، ރާއްޖެގެ ހައްޖުމިޝަނާއި ސައުދީގެ ކަމާބެހެ އިދާރާތަކާއި އަދި އޭނާ ގެންދިޔަ ހަރަމައިން ޖަމާއަތުގެ އޮފިޝަލުން އޭނާ ހޯދުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އެގޮތުން، މިނާ، މުޒުދަލިފާ އަދި އަރަފާތުގެ އެކި ހިސާބުތައް ބަލާހަދާފައި ވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެ އިތުރުން ހޮސްޕިޓަލް ތަކާއި ޕޮލިސް ސްޓޭޝަންތަކަށް ހަބަރުދީގެން ވެސް ބަލަމުން ގެންދިޔަ ކަމަށް ބުނެފައި ވެއެވެ.