އައްޑޫސިޓީ ހިތަދޫއަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ލިބުނު ފުލުހުންގެ އިންޓެލިޖެންސް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކަކާއެކު ހައްޔަރު ކުރި މީހާ ބަންދަށް މުއްދަތު ނުޖަހާ ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ ހިތަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ހިތަދޫ ވަލުތެރެއިން އޭނާ ހައްޔަރުކޮށް އޭނާ އެވަގުތު ގެންގުޅުނު ތަކެތި ބަލައިފާސް ކުރިއިރު 50 ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިދިޔަ އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ހިތަދޫ ވަލުތެރެއިން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު އެ އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ މި އޮޕަރޭޝަން ތަކަކީ އީދު ބަންދަކީ ރައްޔިތުންނަށް ރައްކާތެރި ކަމާއެކު ހޭދަކުރެވޭނެ އީދަކަށް ހެދުމަށާއި ބަނގުރަލުގެ މައްސަލަތައް ހުއްޓުވުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންތަކެއް ކަމަށް ފުލުހުން ބުނެއެވެ.