ހާލު ދެރަވެގެން އުމުރުން ދުވަސްވީ ދިވެހި ދެ ހައްޖާޖީއަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް، އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޕީއެސްއެމުން ގެނެސްދިން ހައްޖު ދުވަހުގެ ހާއްސަ ކަވަރޭޖާ ހަވާލާދެއްވާ ސައުދީ އަރަބިއްޔާގައި މިވަގުތު ހުންނެވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީލް ވިދާޅުވީ، ހާލު ދެރަވީ އުމުރުން ދުވަސްވީ ދެ ހައްޖާޖީއަކު ކަމަށެވެ.

އިތުރު ތަފްސީލެއް ނުދެއްވި ނަމަވެސް އަނީލް ވިދާޅުވި ގޮތުގައި، އައިސީޔޫގައި ފަރުވާދެމުންދިޔަ ދެ ދިވެހިން ފިޔަވައި، ޖުމްލަ ގޮތެއްގައި ހުރިހާ ދިވެހިންގެ ހާލު ރަނގަޅެވެ. އަދި އެ ދެ ހައްޖާޖީން ފިޔަވައި ހުރިހާ ހައްޖާޖީންނަށް އަރަފާތު ބިމަށް ދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ރާއްޖެއަށް ލިބުނު 453 ކޯޓާއަށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދިވެހިން ދިޔައެވެ. ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ކޯޓާ ބެހުމުގައި 353 ޖާގަ ހާއްސަކުރީ، ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި މީހުންނަށެވެ. ބާކީ 100 ކޯޓާގައި ހައްޖަށް ގެންދާނެ މީހުން ކަނޑައެޅީ، ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގި ގުރުއަތުންނެވެ.

ނަމަވެސް ސައުދީން ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލައި އާންމުކޮށް ހުޅުވާލުމުން، މިފަހަރު ރާއްޖޭން ހައްޖަށް ދިޔައީ 1،000 މީހުންނެވެ.