މުސްލިމުންގެ ސަފުތައް ބައިބައިކުރުމަށް ފެތުރޭ ވާހަކަތަކަށް ނުހެއްލުމަށާއި، ބައިބައިވުން އުފެދޭ ކަންކަމުން ދުރުހެލިވެ އެއްބައިވަންތަ ވުމަށް، މި އަހަރުގެ ހައްޖު ހުތުބާގައި ގޮވާލައިފިއެވެ.

ޝައިހު ޑރ. ޔޫސުފް ބިން މުހައްމަދު ބިން ސައީދު އިއްވި ހުތުބާގައި ވަނީ، އެއް ބަޔަކު އަނެއް ބަޔަކަށް ވުރެ މާތްވެގެން ދަނީ ކުލަ އާއި ނަސްލުގެ ސަބަބުން ނޫން ކަމަށާއި، ނަމަވެސް ތަގުވާވެރިކަމުގެ ސަބަބުން ކަން ހަނދާން ކޮށްދެއްވާފައެވެ.

މިއަދުގެ ހުތުބާގައި ވަނީ އިސްލާމްދީނުގައި އެއްބައިވަންތަކަމަށް އިސްކަންދީފައިވާ މިންވަރު ފާހަގަކޮށް، މުސްލިމުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ބައެއް މީހުންނާއި ޝައިތާނާ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ. އެފަދަ މީހުންނާއި ޝައިތާނާގެ ވަސްވާސްތަކުން ރައްކާތެރިވެ ތިބުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

"މުޖުތަމައު ހަލާކުވެ، ބައިބައިވާ އެންމެހާ ކަންތައްތަކުން ރައްކާތެރިވާން އެބަޖެހޭ. އެއްބައިކުރުވަނިވި ހުރިހާ ކަމެއް ކުރަން ޖެހޭ. އެގޮތުން އާއިލާ އާއި މުޅި މުޖުތަމައު ބައިވެރިވާން ޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި ހިލާފެއް އުފެދިއްޖެ ނަމަ ދާން ޖެހެނީ ޤުރްއާނާއި ކީރިތި ނަބިއްޔާ ދެއްވާފައިވާ އިރުޝާދަކީ ކޮބައިތޯ ބެލުމަށް،" ޚުތުބާގައި ޝައިޚް ވިދާޅުވިއެވެ.

އޭގެ އިތުރުން، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށާއި، ފަގީރުންނަށާއި ދުރު އަވަށްޓެރިންނަށް އަޅާލުމަށް ދީނުގައި އަންގަވާފައިވާ ކަން ފާހަގަކުރިއެވެ.

ހައްޖުގެ މަތިވެރި އަޅުކަމުގައި އަރަފާތުން މިއަދު ފެންނަ މަންޒަރަކީ އިސްލާމީ އެއްބައިވަންތަކަން ކަމަށާއި، އެހެންކަމުން ދެބަސްވުންތައް އެއްކިބާކޮށް، ދަރިން ތަރުބިއްޔަތު ކުރުމުގައި އެއްބައިވަންތަކަމުގެ މައްޗަށް ތަރުބިއްޔަތު ކުރުމަށް ގޮވާލާފައިވެއެވެ.

އަދި ހައްޖާޖީން ވެސް އެކަކު އަނެކަކަށް ލުއިވާ ގޮތަށް އަމަލު ކުރުމަށް ހުތުބާގައި ގޮވާލާފައިވެއެވެ.