"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމު ކުރާނީ ޖޮއިންޓް އެޕްލިކޭޝަންއަށް ހުށަހަޅާ ފަރާތްތައް ހިމަނައިގެން ކަމަށް ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވެއްޖެއެވެ.

މުހައްމަދު އާރިފް ވިދާޅުވީ ޖޮއިންޓް އެޕްލިކޭޝަންއަށް ހުށަހެޅޭނީ ކޮން ފަރާތްތަކަކަށް ކަން ޕޯޓަލްއިން އެނގޭނެ ކަމަށެވެ. ގޯއްޗަށް ޝަރުތު ހަމަވާ ގޯތި ނުލިބި ތިބި 9،544 މީހުންގެ ތެރެއިން ޖޮއިންޓް އެޕްލިކޭޝަންއަށް ޝަރުތު ހަމަނުވާ ފަރާތްތަކުން އެ މީހުންނަށް ލިބިފައިވާ ޕޮއިންޓާއެކު ލިސްޓު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޮއިންޓްވާން ހުޅުވާލި މި ފުރުސަތު ނިމުމާއެކު އިތުރު އިވެލުއޭޝަންއެއް ހަދާ އެ ލިސްޓް ތަރުތީބު ކުރާނެ ކަމަށާއި ރައީސްގެ އަމާޒަކީ ހުރިހާ ފަރާތްތަކަށް ވެސް އަވަސް މުސްތަގްބަލެއްގަ ބޯހިޔާ ވަހިކަން ފޯރުކޮށްދިނުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވެވޭނީ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓަރީވެފައި އޮންނަ ގޯތީގެ ބެހެނިވެރިން (ޓައިޓްލް ހޯލްޑާސް)، މަންމަ، ބައްޕަ، ދެމަފިރިން، ދަރިނ،ް އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާމީހުންނަށެވެ. ޖޮއިންޓް އެޕްލިކޭޝަންއަށް ގެދޮރުވެރިޔާ ޕޯޓަލްއިން އެޕްލައި ކުރެވޭނެއެވެ.

ބިންވެރިޔާ ސްކީމަށް ޖުމްލަ 15،164 ފޯމެއް ހުށަހަޅާފައިވާ އިރު، އެ ފޯމް ހުށަހަޅާފައި ވަނީ 23،088 މީހުންނެވެ. އޭގެތެރެއިން ޝަރުތު ހަމަވަނީ 12،794 ފޯމް ކަމަށާއި ޝަތުރު ހަމަނުވާ 2،370 ފޯމް ކަމަށް ގެދޮރުވެރިންގެ ކޮމިޓީން ބުނެއެވެ.

މި ފަހަރު ބިންވެރިޔާ ސްކީމްގެ ދަށުން 5000 ފަރާތަކަށް ގޯތި ދޭން ނިންމާފައިވާ އިރު، އޭގެތެރޭގައި ހިމެނެނީ 10،314 މީހުންނެވެ. އެއީ މި ސްކީމަށް ފޯމް ހުށަހެޅި މިީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ 52 ޕަސެންޓް މީހުންނެވެ. ގޯތި ދޭން ނިންމި ލިސްޓުގައި ނުހިމެނޭ ނަމަވެސް ޝަރުތު ހަމަވާ 9،544 މީހުން ތިބިއިރު، އެ މީހުންނަށް ދެން ގޯތި ދޭ ބުރުގައި ފުރުސަތު ލިބޭނެ ކަމަށް ގެދޮރުވެރިންގެ ކޮމިޓީން ބުނެއެވެ.