ގިނަ އަހަރުތަކަކަށް ފަހު މާލޭގެ ރައްޔިތުންނަށް މިއަދަކީ އުފާވެރި ދުވަހެކެވެ. މުޅި ރާއްޖެއިން ވެސް އެންމެ ބައިބޯ އެންމެ ގިނަ މީހުން އާބާދުވެގެން ދިރިއުޅޭ ސަރަހައްދަށް މާލެ ވެފައިވާ އިރު، މާލޭގެ ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ދިރިއުޅެމުން އައީ ހަމައަށް ނޭވާވެސް ނުލައެވެ. އެންމެ އިހު ޒަމާނުގައި ލިބިފައިވާ ބޮޑެތި ގޯތިތައް ދަރިންގެ ދަރިންނާ ހަމައަށް އައި އިރު ބަހައި އެ ގެތައް މި ވަނީ "ކުދި ކޮތަރު ކޮށިތަކަކަށް" ވެފައެވެ.
މި ފަދަ ހާލުގައި ކުދިން ކޮޓަރިތަކުގައި ފުނިފުންޏަށް ނިދައިގެން ކައިބޮއެ، ދިރިއުޅުނު އެތައް އާއިލާއަކަށް އުފާވެރިކަން ލިބިފައިވާ ތަން މިއަދު ފެންނަން ފަށައިފިއެވެ. އެއީ މާލެ ސަރަހައްދުން ހިއްކާ ބިމުން ސީދާ މާލެ ރަށްވެހިންނަށް ގޯތި ދޫކުރަން ސަރުކާރުން ނިންމައި ވަގުތީ ލިސްޓް އިއްޔެ އިއުލާން ކުރުމުންނެވެ. މިއީ މާލެ ސަރަހައްދު ހިއްކާ ބިމަކުން މާލޭގެ ރަށްވެހިންނަށް ހިލޭ ބަންޑާރަ ގޯތި ދޭން ނިންމި ފުރަތަމަ ފަހަރު ވެސް މެއެވެ.
ގޯތި ލިބުނު މީހުންގެ ޝުއޫރުތައް ބަންޑުން ކުރަމުން އަންނަ އިރު، މާލޭގައި ކުޑަކުޑަ ގެއެއްގައި ދިރިއުޅޭ އާއިލާއެއް 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، އެ ގެއަކީ 800 އަކަފޫޓުގެ ގެއެއް ކަމަށެވެ. އާއިލާގައި އެއްބަނޑު އެއްބަފާ 6 މީހުން ތިބި އިރު އެއިން ކޮންމެ މީހަކުވެސް ދިރިއުޅުން ފަށައި ކޮންމެ މީހަކަށް ވެސް ދަރިއެއް ނުވަތަ ދެ ދަރިން ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ގެ ހުރީ ނުހެދި ކަމަށާއި އެންމެ އިހު ޒަމާނުގައި ހުރި ގޮތަށް ހުރި އެ ގޭގައި ހުންނަނީ ތިން ކޮޓަރިއާއި ފާހަނައާއި ބަދިގެއެއް ކަމަށެވެ. ތަނުގެ ދަތިކަމުގެ ސަބަބުން އެ އާއިލާގެ ހަތަރު މެންބަރުންނާއި އެ މީހުންގެ އައިލާ އުޅެނީ މާލޭގައި ކުއްޔަށް ކަމަށާއި ދެން ތިބި ދެބޭން އެމީހުންގެ ދަރިންނާ އެކު އެ ކުޑަ ގޭގައި ދިރިއުޅެމުން އަންނަނީ ވަރަށް ހާލުގައެވެ.
ގެ ހަދަން ބެލިއަސް އެ އާއިލާގެ މެންބަރުން އުޅެން ޖެހިފައިވާ ހާލުން ގެ ހެދޭނެ ގޮތް ވަނީ ނުވެފައެވެ. ގެ ހަދަންޏާ އެގޭގައި މިހާރު ދިރިއުޅޭ މީހުންނަށް ކުއްޔަށް އުޅެން މަޖުބޫރު ވެއެވެ. އެންމެ އިހު ޒަމާނުގައި ހުރި ގޮތަށް ހުރި ގޯތި ހަދަން އެތައް ފަހަރަކު މަސައްކަތް ކުރި ނަމަވެސް ގެ ހަދައިދޭ ފަރާތްތަކުން އެ ގޭގެ ބައެއް ދިގު މުއްދަތަށް ނަގައިގެން ނޫން ގޮތަކަށް ހަދަން އެއްބަސް ނުވާތީ ގެ ނުހަދައި ތިބީ ހުރިހާ އެންމެންނަށް ގެއަށް ނުވަދެވި ދިގު މުއްދަތަކަށް ތިބެންޖެހޭ ގޮތަކަށް އެކަން ނުކުރާށެވެ.
މި ސަރުކާރުން ގޯތި ދޭން ހުޅުވާލުމުން އެ އާއިލާއިން ކުރިމަތި ލީ ގޯތި ލިބޭނެ ކަމަށް ދެކިގެނެއް ވެސް ނޫނެވެ. މީގެ ކުރިންވެސް ފްލެޓް ހޯދަން ވެސް ހުޅުވާލި އެތައް ފަހަރަކު ފްލެޓަށް ކުރިމަތިލި ކަމުގައި ވިޔަސް އެ އާއިލާގެ އެއްވެސް މެންބަރަކަށް ފްލެޓް ލިބިފައި ނެތުމުން މާ ބޮޑު އުންމީދެއް ވެސް ނެތީއެވެ.
މި ފަހަރު ވެސް ވާގޮތެއް ބަލާލުމުގެ ނިޔަތުގައި މުޅި އާއިލާ އެކުގައި ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅައިގެން ލިބުނު ނަތީޖާއިން އެ އާއިލާއަށް ވަނީ 80 ޕޮއިންޓްގެ މާކްސް އެއް ލިބިފައެވެ. މިއާއެކު އެ އާއިލާއަށް ގޯތި ލިބޭނެ ކަން ކަށަވަރު ވެގެން ދިއުން ވެގެން ދިޔައީ އެތައް އަހަރުތަކެއް ވަންދެން ތަކްލީފެއްގައި އުޅެމުން ދިޔަ ދުވަސްތައް މާޒީއަށް ދޫކޮށްލައި އުންމީދުގެ ހުޅުކޮޅުގެ ބައްތި ދިއްލިގެން ދިޔަ އުފާވެރި ދުވަހަކަށެވެ.
ގޯތި ލިބޭ މީހުންގެ ލިސްޓު އިއްޔެ އާންމު ކުރުމާއެކު އެ އާއިލާގެ ރަހްމަތްތެރިއެއް ފުރަތަމަ ގުޅާފައި މަރުހަބާ ކިޔުމުން ވެސް ގަބޫލު ކުރަން ދަތިވެފައި ތިބި ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އެއާއެކު އެ ލިސްޓު އެމީހާ ފޮނުވުމުން އާއިލާގެ ދެން ތިބި މެންބަރުންނަށް ގުޅައި ގޯތި ލިބިއްޖެ ކަމަށް ބުނުމުން އެއްބަނޑުއެއްބަފާ މީހުން ބުނީ ސަމާސާ ނުކުރުމަށެވެ. އަދި ލިސްޓުގައި ގޯތި ލިބޭ ޖަހާފައި އޮތް ގަނޑުގެ ސްކްރީން ޝޮޓެއް ފޮނުވުމުން ކޮންމެ މީހަކަށް ވެސް އުފަލުން ރޮވުނެވެ.
މިއީ ހަމައެކަނި މި އާއިލާގެ އިހްސާސްތަކެވެ. މިފަދައިން ހާލު ގައި ކުދި ތަންތަންކޮޅުގައި އުޅެން ޖެހުމުން އާއިލާ އެކީ ކުއްޔަށް އުޅޭ އެތައް އާއިލާއެއް މި މާލޭގައި ދިރިއުޅެއެވެ. ލިބޭ އާމްދަނީ މުޅިން ހެން ކުއްޔަށް ހުސްކޮށްލައިގެން ދިރިއުޅެމުން ދާ މިފަދަ އާއިލާތަކަށް މިއީ ބަޔާން ކުރަން ދަތި އުފާވެރިކަމެއް ކަން ޔަގީނެވެ.
އިއްޔެ ގޯތި ލިބޭ މީހުންގެ ލިސްޓު އާންމު ކުރުމުގެ ކުރިން ބޭއްވި ނޫސްވެއިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ، އެހެން ރަށް ރަށުން ވެސް ބިން ހިއްކައި އާންމުންނަށް ސަރުކާރުން ގޯތި ދީފައިވާ ކަމަށާއި، އެ ސަބަބަށްޓަކައި މާލޭން ވެސް މާލޭ މީހުންނަށް ގޯތި ހަމަހަމަކަމާ އެކު ލިބެން ޖެހޭ ކަމަށާއި، މިއީ ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. ކުރީ ޒަމާނުއްސުރެ އެހެން ރަށްރަށުން ވެސް ގޯތި ދޭ ކަން ފާހަގަ ކުރައްވަމުން އަސްލަމް ވިދާޅުވެފައި ވަނީ މާލޭ މީހުންނަށް ލިބެން އޮތް މިންވަރަކުން ގޯތި ލިބެން ޖެހޭ ކަމަށެވެ.
ބައިބޯ ވެފައިވާ މާލެ ސަރަހައްދަށް ބަލާއިރު، ރާއްޖޭގެ އާބާދީގެ 212،138 މީހުން ދިރިއުޅެމުން އަންނަނީ މާލޭގައެވެ. އޭގެތެރެއިން 161،108 މީހުންނަކީ ދިވެހިންނެވެ. ފާއިތުވި 8 އަހަރު ތެރޭގައި މާލެ ސަރަހއްދުގައި ދިރިއުލޭ އާބދީއަށް އައި ބަދަލުތަކަށް ބަލާއިރު، ހުޅުމާލޭގެ އާބާދީ 17 ޕަސެންޓް އިތުރުވެފައިވާ އިރު، މާލޭގެ (ހެންވޭރު، ގަލޮޅު، މާފަންނު އަދި މައްޗަން ގޯޅި) ގެ އާބާދީ ވަނީ 1.09 ޕަސެންޓް އިތުރުވެފައެވެ. ނަމަވެސް ވިލިމާލޭގެ އާބާދީ ވަނީ 2.10 ޕަސެންޓް ދަށަށް ގޮސްފައެވެ. މުޅި މާލޭގައި ދެ ލައްކައެއްހާ މީހުން ދިރިއުޅޭ އިރު، މާލެ ސަރަހައްދުގައި ހުރި ގޭބިސީތަކުގެ އަދަދަކީ 42،181 އެވެ.
މާލޭގެ ތޮއްޖެހުމާއި ބައިބޯ ވުން ކުޑަކުރުމަށް ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގައި ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ވަނީ އަންނަ ޖުލައި މަހުގެ 20 އާ ހަމައަށް ހުޅުވާލާފައެވެ. އެއަށް ފަހު ދާއިމީ ލިސްޓު އިއުލާން ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާ އިރު، ދެން އިންތިޒާރު ކުރެވޭނެ ދުވަހަކީ ބިން ހިއްކައި ލިސްޓުގައި ހިމެނޭ މީހުންނަށް ގޯތި ދޫކުރާނެ ދުވަސްކަން ޔަގީނެވެ.
އަދި ލިސްޓެއް ނެރެފަ ގޯތި ލިބޭނޭ ބުންޏަސް އުފަލެއް ނެތް ވައުދުވީ ގޮތަށް އިންކަނޑާފަ ގާތްބަޔަކަށް ހުޅުމާލެއިން ބިން ބަހާލަން ޖެއްސި ސްޓަންތެއް ތީ ގިރާވަރު ފަޅުން ގޯތި ދިނަސް އަދި ކުރިޔަށްއޮތް 10 އަހަރު ތިޔަ ބުރިޖެއް އަޅައިގެން މީހުަނަކަށް ދަތުރެއް ކުރެވޭވަރެއް ނުވާނެ ދެން ހަމަ ޖޯކެއް
އަދި ނުހިއްކާއޮތް ބިމަކުން ގޯތި ލިބޭނީ ކޮންދުވަހަކުންބާ؟ ބިން ހިއްކާފައިވާ ރައްރަށުންވެސް ގޯތި ލިބޭނެ ކަމުގެ އުއްމީދުގައި އެރައްރަށުގެ މީހުން ތިބޭތާ އަހަރުތަކެއް ވެއްޖެ ނުލިބޭ ގޯއްޗެއް!
މަ ދީފާނަން ގަނޑެއްގައި ލިޔެފަ ތިގޭ ކުޑަކުދިންނަށާއި ގޯތި އޭރުން ތީނަ އުފަލުން މަރުވެދާނެތީ ބިރުގަންނަނީ
ސަރުކާރުން ކިހާވަރެއް ދީގެން ހިންގާ ނޫހެއްބާ މީއަނެއްކާ
އަހަންނަށް ވެސް ގޯތި ލިބުނު. ސިންގަލް ފޯމެއް ލީ ފަހުން ޖޮއިންޓް ވެގެންނޭ ފުރުސަތު ބޮޑީ ބުނީމަ އަސްލު ހިތަކަށް ނާރާ ލިބޭނޭ. ދެން މާތްﷲ އަށް ވަކީލުކޮށްލައިގެން ހުރީ. އަލްހަމްދުލިލާހި. ވަރަށް އުފާވެއްޖެ. ތި އައިލާ އަށް ވެސް ގޯތި ލިބުނީމަ ވަރަށް އުފާވެއްޖެ
އެއްބަޔަކު ފޮނި ބޮޑުވެފައި ގޯއްޗަށް ނުލީ އިންސާފަށް ނުދޭނޭ ކިޔާފަ. މިހާރު ބަޔަކަށް ގޯތި ލިބުނު ބަޔަކަށް ލިބުނީމަ. ތިމާވެސް ލީ ނަމަ ލިބުނީހޭ ހިތަށް އެރި މީހުން އަޑުގަދަކޮށް މި ބަވާ ނަގަނީ. އަސްލު މާލެ މީހުންނަށް ގޯތި ދޭން ޖެހޭ. މާ ލަސްވެސް ވެއްޖެ. ޔާމީން މިކަން ނުކުރީ ހާލުގަ އުޅޭ މީހުން ލައްވާ ހަމަ ސަލާން ޖައްސުވަން. ބައެއްގެ ދިރިއުޅުން ތަރައްގީ ކުރާށޭ ކިޔާފަ ބަލާލަން ރީތި ހިޔާ ޓަވަރުތައް އެޅި އިރު، އެތަނަކީ އާއިލާއެއް އުޅެވޭ ވަރަށް ވުރެ ކުދި ތަންތަން