ސަރުކާރުން ކުރިއަށް ގެންދާ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 10 މެންބަރަކު ހިމެނޭކަން ހާމަވެއްޖެއެވެ.

"ބިންވެރިޔާ" ސްކީމްގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މާލޭން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު ވަނީ ގެޒެޓުގައި މިއަދު އާންމުކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން އާންމުކުރި ލިސްޓުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ 10 މެންބަރަކަށް މާލޭން ގޯތި ލިބެއެވެ. އޭގެ ތެރޭގައި ހިމެނެނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަސް މެންބަރަކާއި، "ދަ ޑިމޮކްރެޓްސް"ގެ ހަތަރު މެންބަރަކާއި، އެމްއެންޕީގެ މެންބަރެކެވެ. އެ މެންބަރުންނަކީ:

  1. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް (ދަ ޑިމޮކްރެޓްސް): ޖުމްލަ ހަތް މީހަކު ހިމެނޭ އެ ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެން 100.26 މާކްސް
  2. މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ދަ ޑިމޮކްރެޓްސް): ޖުމްލަ ހަ މީހަކު ހިމެނޭ އެ ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެން 91.07 މާކްސް
  3. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (ދަ ޑިމޮކްރެޓްސް): ޖުމްލަ ތިން މީހަކު ހިމެނޭ އެ ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެން 76.18 މާކްސް
  4. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ދަ ޑިމޮކްރެޓްސް): ޖުމްލަ ތިން މީހަކު ހިމެނޭ އެ ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެން 72 މާކްސް
  5. ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު (އެމްޑީޕީ): އެކަނި ހުށަހެޅުއްވި ފޯމަށް 69.16 މާކްސް
  6. މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް (އެމްޑީޕީ): ޖުމްލަ ތިން މީހަކު ހިމެނޭ އެ ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެން 79.69 މާކްސް
  7. މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު (އެމްޑީޕީ): ޖުމްލަ ދެ މީހުން ހިމެނޭ ގޮތަށް ލީ އެ ފޯމުގެ އެކަކު ޝަރުތު ހަމަނުވޭ، ބާކީ އިން މީހާގެ ޝަރުތު ހަމަވެ، އެހެން މީހަކާ ބައިވެރިވެގެން ގޯތި ހޯދުމުގެ ފުރުސަތު އެބައޮތް
  8. އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް (އެމްޑީޕީ): ދެކަނބަލުންނާއި ދަރިކަނބަލަކު ހިމެނޭހެން ޖުމްލަ ތިން މީހަކު ހިމެނޭގޮތަށް ލީ އެ ފޯމުގެ ޝަރުތު ހަމަވެގެން 71.59 މާކްސް
  9. ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް (އެމްއެންޕީ): ޖުމްލަ ފަސް މީހަކު ހިމެނޭ އެ ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެން 82.72 މާކްސް

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، "ބިންވެރިޔާ" ސްކީމްގެ ދަށުން ސަރުކާރުން 5،000 ފަރާތަކަށް ގޯތި ދޭން ނިންމައި، މިއަދު ވަގުތީ ލިސްޓު އާންމުކުރުމަށް ވަނީ ނިންމައިފައެވެ. އެ ލިސްޓުގައި ޑިސްކޮލިފައިވީ ފަރާތްތަކާއި ގޯތި ލިބޭ ފަރާތްތައް އާންމުކޮށްފައި ވާނެ ކަމަށެވެ.

އެ ސްކީމްގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ވަގުތީ ލިސްޓު މިއަދު ގެޒެޓުކުރާނެ ކަމަށާއި، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޖުލައި 15 އަށް ފަހު، ހުށަހެޅިފައިވާ ޝަކުވާތައް ބަލައި ލިސްޓު ރިވިއުކުރުމަށް ފަހު ދާއިމީ ލިސްޓު މާ ގިނަ ދުވަސްތަކެއް ނުވެ ނެރޭނެއެވެ. އޭރުން ބިން ދޭނީ ކޮން ތަނަކުން ކަން ލިސްޓާ އެކު އާންމުކުރާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް، ދާއިމީ ލިސްޓު އާންމުކުރާނެ ސީދާ ތާރީހެއް ވިދާޅެއްނުވެއެވެ

ބިންވެރިޔާ ސްކީމަށް ހުށަހަޅާފައިވާ ޖުމްލަ 15،164 ފޯމެއް ހުށަހަޅާފައިވާ އިރު، އެ ފޯމް ހުށަހަޅާފައި ވަނީ 23،088 މީހުންނެވެ. އޭގެތެރެއިން ޝަރުތު ހަމަވަނީ 12،794 ފީމް ކަމަށާއި ޝަތުރު ހަމަނުވާ 2،370 ފޯމް ކަމަށް ގެދޮރުވެރިންގެ ކޮމިޓީން ބުނެއެވެ.

މި ފަހަރު ބިންވެރިޔާ ސްކީމްގެ ދަށުން 5،000 ފަރާތަކަށް ގޯތި ދޭން ނިންމާފައިވާ އިރު، އޭގެތެރޭގައި ހިމެނެނީ 10،314 މީހުންނެވެ. އެއީ މި ސްކީމަށް ފޯމް ހުށަހެޅި މިީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ 52 ޕަސެންޓް މީހުންނަށް މި ފަހަރު ގޯތި ދޭން ވަނީ ނިންމާފައެވެ. ގޯތި ދޭން ނިންމި ލިސްޓުގައި ނުހިމެނޭ ނަމަވެސް ޗަރުތު ހަމަވާ 9544 މީހުން ހިމެނޭ އިރު، އެ މީހުންނަށް ދެން ގޯތި ދޭ ބުރުގައި ފުރުސަތު ލިބޭނެ ކަމަށް ގެދޮރުވެރިންގެ ކޮމިޓީން ބުނެއެވެ.

މި ފަހަރު ގޯތި ނުލިބޭ މީހުންގެ ތެރޭގައި ވެސް ވަކިން ފޯމް ހުށަހަޅާފައިވާ ފަރާތްތައް ގިނަ ކަން ފާހަގަ ކުރަމުން އެ ކޮމިޓީން ބުނީ، އެމީހުންނަށް ޖޮއިންޓް ވެގެން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.