ނ. މާފަރުން ގޮތް ނޭނގޭ ޖަނަވާރެއް ފެނިގެން ސިފައިން ހަރަކާތްތަތެރިވާން ފަށައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ، މާފަރުން ގޮތް ނޭނގޭ ޖަނަވާރެއް ފެނިގެން ރިޕޯޓްކޮށްފައިވާ ކމަށެވެ. އަދި އެ ޖަނަވާރު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެ ޖަނަވާރު ފެންނަ ވީޑިއޯއެއް ސޯޝަލް މިޑިއާގައި ދައުރުވަމުން އަންނަ އިރު ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ އެއީ މިނިކާވަގެއް ކަމަށެވެ. ހަތަރު މޮއްގަނޑު ޖަހައިގެން އެ ޖަނަވާރު ދާ މަންޒަރު ފެންނަ ވީޑިއޯ ނަގާފައި ވަނީ ވަރށް ދުރުން ކަމުން އެ ސޮރުގެ ސިފަ ވަކި ކުރަން އުނދަގުލެވެ. ފެންނަ ފެނުމުން އެއީ ބޮޑު ޖަނަވާރެއް ކަން އެނގެއެވެ.
އެއީ މިނިކާވަގެއް ކަމަށް ބައެއް މީހުން ބުނި ކަމުގައި ވިޔަސް ރާއްޖެއަކީ މިނިކާވަގު ފަދަ ވަލު ޖަނަވާރު އުޅޭ ގައުމެއް ނޫނެވެ. ބައެއް ފަރާތްތަކުން އެއީ ބުޅަލެއް ކަމަށް ބުނި ކަމުގައި ވިޔަސް ފެންނަ މަންޒަރުން އެއީ ބުޅަލަކަށް ވުރެ ބޮޑު އެއްޗެއް ކަމަށް ބުނެ ގިނަ ބަޔަކު އެއީ ކޮން ޖަނަވާރެއް ކަމާ މެދު އަންނަނީ ސުވާލު އުފައްދަމުންނެވެ.